ކުޅިވަރު

ޖަޕާން ދެވަނަ ބުރަށް، އިރާގު ގްރޫޕުގެ އެއްވަނައަށް


އޭއެފްސީ އޭޝިއަން ކަޕް ފުޓުބޯޅަ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަޕާނުން އިންޑޮނޭޝިއާ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އިރާގު އަތުން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ބަލިވުމުން މޮޅުވާން މަޖުބޫރުވި މެޗުން ޖަޕާން މޮޅުވީ އިންޑޮނޭޝިއާ އަތުން 3-1 ލަނޑުންނެވެ. މުޅި މެޗު ޑޮމިނޭޓުކޮށްގެން ޖަޕާނުން ކުޅުނު އިރު ގިނަ ހަމަލާތަކެއް ޖަޕާނުން ވަނީ އިންޑޮނޭޝިއާގެ ގޯލަށް އަމާޒުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފާއި ދެވަނަ ހާފުގެ ކުރީކޮޅު ޖަޕާނުގެ އަޔެސޭ ޔުއެޑާގެ ގޯލުން ދެ ލަނޑުގެ ލީޑެއް ނެގިއިރު ތިންވަނަ ލަނޑަކީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އިންޑޮނޭޝިއާގެ ޖަސްޓިން ހުނާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އިންޑޮނޭޝިއާ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ސެންޑީ ވޭލްޝް އެވެ. މުބާރާތުގެ މި ގުރޫޕްގައި އިއްޔެ ވިއެޓްނާމުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 3-2 ލަނޑުން އިރާޤު ވަނީ މޮޅުވެ ގުރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުން 42 ވަނަ މިނެޓުގައި އަން ބުއި ހޮންގްއެވެ. އެހެން ނަމަވެސް މެޗުގައި ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި ހުއަންޓް ވަންގް ހަންގްއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން ވިއެޓްނާމަށް މައްސަލަތައް ކުރިމަތިވާން ފެށިއެވެ.

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އިރާގުން އެއްވަރުކުރީ ރެބިން ސުލާކާއެވެ. 73 މިނިޓުގައި އައިމަން ހުސެއިންގެ ލަނޑުން އިރާގު މޮޅުވާން ދަނިކޮށް ވިއެޓްނާމުން ވަނީ މެޗުގެ އިތުރުވަގުތު ތެރޭގައި ކުއަން ހައި ކާމިޔާބުކުރި ލަނޑުން އެއްވަރުކޮއްފައެވެ. އިރާގު ގުރޫޕު އެއްވަނަ ކަށަވަރުކުރީ އިތުރު ވަގުތުތެރޭގައި އައިމަން ކާމިޔާބުކުރި ޕެނަލްޓީންނެވެ.

މި ނަތީޖާއާއެކު އިރާގުން ގުރޫޕުގެ އެއްވަނަ ކަށަވަރުކުރީ ހުރިހާ މެޗެއް ކާމިޔާބުކޮށް ޖުމްލަ 9 ޕޮއިންޓާއެކު އެވެ. މި ގުރޫޕުން ހަ ޕޮއިންޓު ހޯދި ޖަޕާނުން ދެވަނަ ހޯދައިގެން ގަދަ 16 އަށް ދިޔައިރު އިންޑޮނޭޝިއާ ތިންވަނައަށް ދިޔައީ ތިން ޕޮއިންޓާއެކު އެވެ. ގުރޫޕްގައި ވިއެޓްނާމް ކުޅުނު ހުރިހާ މެޗަކުން އެ ޓީމު ވަނީ ބަލިވެފައެވެ.