ކުޅިވަރު

ގްރޫޕް ސްޓޭޖުގައި މަސްއޮޑިއަށް ސައްތައިން ސައްތަ ރިކޯޑެއް


އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގަައި ކުޑަ ހެންވޭރު އަތުން މޮޅުވެ، މަސްއޮޑި ސްޕޯޓްސް ކުލަބުން ސައްތައިން ސައްތަ ރެކޯޑަކާއެކު ގްރޫޕް ސްޓޭޖް ނިންމާލައިފިއެވެ.

މެޗަށް ނުކުތްއިރުވެސް ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންވެފައިވާ މަސްއޮޑިން ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ބޮޑަށް ޑޮމިނޭޓުކޮށްގެން ކުޅުނީ މަސްއޮޑިންނެވެ. އެގޮތުން އެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް މި މެޗުގައި ފޮނުވާލާފައެވެ.

ހަމައެކަނި ދިވެހި ކުޅުންތެރިންނާއެކު ކުޅުނު ކުޑަ ހެންވޭރު ކޮޅަށް މަސްއޮޑިން ޖެހި ހަމައެކިނި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފެވެ. މި މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ރަނގަޅަށް ކުޅެ ފުރުސަތުތައް ތަނަވަސް ކރީ މަސްއޮޑިންނެވެ. މި ހާފުގައި މަސްއޮޑީގެ ތިން ކުޅުންތެރިއަކު ފޮނުވާލީ ހަމަލާތައް ވަނީ ކުޑަ ހެންވޭރުގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

އެގޮތުން ޕެނަލްޓީ އޭރިއާ އަރިމަތިން މަސްއޮޑީގެ އެލް-ސައީދު ފޮނުވާލި ހަމަލާ ހުރަސްދަނޑީގައި ޖެހިފައި ނުކުތުމުން އެ ޓީމުގެ ކެޕްޓަން އަބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލޮ ބޯޅަ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ގޯލް އޭރިއާ ތެރޭގައި ހުރެފައި އެ ޓީމުގެ އޮޑީލީ ފްލިކްސް ޗިޑީ ފޮނުވާލި ބޯޅަވެސް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި މި މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކުޑަ ހެންވޭރުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކޮށްފައެވެ.

މި މެޗުން މޮޅުވުމާއެކު އެއްވަނައިގައި އޮތް މަސްއޮޑިން ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލީ ކުޅުނު ހަތަރު މެޗުންވެސް މޮޅެވެ 12 ޕޮއިންޓާއެކުއެވެ. މި ގުރޫޕުގެ ދެވަނައިގައި އޮތް ކުޑަ ހެންވޭރާއި ތިންވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކުލަބަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. މި ދެ ޓީމު އަންނަ އާދިއްތަ ދުވަހު ބައްދަލުކުރާއިރު، އެ މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ކުއާޓާ ފައިނަލަށް ދިޔުމުގެ ފުރުސަތު ދެ ޓީމަށްވެސް އެބައޮތެވެ.