ސިއްހަތު

ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމަނީ


ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ޢިމާރާތްކުރާ ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ކުރިން ބެއްލެވި ވަރަށްވުރެ އަވަހަށް ނިމޭނެކަމަށް ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފިއެވެ.

މި ހޮސްޕިޓަލް ނިމޭނެކަމަށް ކުރިން ބެލިފައި އޮތީ 2017 ވަނަ އަހަރުގައެވެ. ނަމަވެސް ހޮސްޕިޓަލްގެ ހުރިހާ މަސައްކަތެއް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ޓްރީޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއެވެ. މި ހޮސްޕިޓަލް ޢިމާރާތްކުރަނީ ތުރުކީވިލާކުގެ ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ. އަދި މިއީ ޓާރޝަރީ ފެންވަރުގައި ރާއްޖެގައި ތަރައްޤީކުރާ ފުރަތަމަ ހޮސްޕިޓަލެވެ.

img:http://s2.psmnews.mv/images/660x400/9073.jpg|ޓްރީޓޮޕް ހޮސްޕިޓަލްގެ ތަރައްޤީކުރެވިގެންދާނެ ގޮތުގައި ޑިޒައިން ދައްކުވައިދޭ ފޮޓޯއެއް / ފޮޓޯ: ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑް

ރާއްޖޭގެ ޞިއްޚީ ދާއިރާއަށް ކުރިއެރުންތަކެއް ހޯދައިދީ، ޢާއްމުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ހުޅުމާލޭގައި ޢިމާރާތްކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީ، ޞިއްޙީ ދާއިރާއަށް ރާއްޖޭގެ މިހާތަނަށް އަމިއްލަ ކުންފުންޏަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އެގޮތުން މުޅި މި ޕްރޮޖެކްޓަށް 80 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުވާނެކަމަށް ޓްރީޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއެވެ. އަދި މި މަޝްރޫޢާއެކު ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެކަމަށް އެކުންފުނިން ސިފަކުރެއެވެ.

ސަޕޯޓް ބިލްޑިންގއަކާއެކު ޢިމާރާތްކުރާ ޓްރީޓޮޕް ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު، ހޮސްޕިޓަލުގެ ސްޓްރަކްޗަރ އެތުރުމުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. އަދި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ޚާއްޞަކޮށްގެން ހަދާ 6 ބުރީގެ ޢިމާރާތާއި، ސަޕޯޓް ބިލްޑިންގގެ ގޮތުގައި އެކޮމަޑޭޝަންގެ އިންތިޒާމްތަކަށް ޚާއްޞަކޮށްގެން ހަދާ 8 ބުރީގެ ޢިމާރާތުގައިވެސް ކުރަންޖެހޭ ހުރިހާ ކޮންކްރީޓް މަސައްކަތްތަކެއް އެއްކޮށް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރ މަހްޖޫބް ސުޖާޢު ވިދާޅުވީ، މިހާރު ކުރަމުންދަނީ ދެ އިމާރާތުގެ ކަރަންޓް ވަޔަރިންނަށް ބޭނުންވާ އިލެކްޓްރޯ މެކޭނިކަލް މަސައްކަތްތައްކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، މިތަން ނިމިގެންދާއިރު، 2 ޢިމާރާތުގައިވެސް ބެކަޕް ޖަނަރޭޓަރ އިންސްޓޯލްކުރެވިފައި ހުންނާނެއެވެ. މަހްޖޫބް ވިދާޅުވީ، މުޅި ހޮސްޕިޓަލްވެސް ފަރުމާކުރެވިފައި ވާނީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތްދެވޭނެ ފަދަ ވަޞީލަތްތަކާއި އެކުގައި ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު، ޓްރީޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަނީ ހޮސްޕިޓަލް ހުޅުވުމުގެ ކުރިން އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެކުންފުނީގެ ޑިރެކްޓަރ އަޙުމަދު ސަލީމް ވިދާޅުވީ، ހޮސްޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މުވައްޒަފުން ހޯދުމުގައި ދިވެހިންނަށް ޚާއްޞަ އިސްކަމެއް ދޭނެކަމަށެވެ. އަދި އެފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ޓްރީ ޓޮޕް ހެލްތްގެ ފަރާތުން ހަމަޖައްސަވައިދޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

170 އެނދުގެ ޓްރީ ޓޮޕް ހޮސްޕިޓަލު ޢިމާރާތްކުރަނީ ތުރުކީވިލާތުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ، ޓާރމެކްސްއާ ޙަވާލުކޮށްގެންނެވެ. އަދި ހޮސްޕިޓަލު އޮޕަރޭޓްކޮށް ހިންގުމުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައި ވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ނަން މަޝްހޫރު ހޮސްޕިޓަލްތަކެއް ހިންގަމުން އަންނަ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ރެމްސޭ ސިމް ޑާރބީއާއެވެ.