ޚަބަރު

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަށަވަރުކޮށްދޭނަން: ވަޒީރު އާދަމް ޝަރީފް


  • ކުލީގެ މައްސަލަ ހައްލުކުރުމަށް ޤާނޫނަކުން ބާރުލިބިދޭގޮތް ހަދާނެ ކަމަށް

  • މި މަސައްކަތް ހަފްތާ 14 މަގު ޗާޓުގައި ވަނީ ހިމަނާފައި

ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފިއެވެ.

ވަޒީރު އާދަމް ޝަރީފް މިކަމަށް އެދިވަޑައިގަތީ ދިރިއުޅުމަށްޓަކައި ގޯތި ގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫން ތަންފީޒުކުރުމަށް ކައުންސެލަރުން ތަމްރީން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަކީ ކައުންސިލްތައް ބާރުވެރިކުރުމުގައި ލިބެންޖެހޭ ޤާނޫނުން ދީފައިވާ ހައްޤުމަގާމު ހޯދުމުގެ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުން ރާވާ ޕްރޮގްރާމްތަކުގައި ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ޤައުމެއް ތަރައްޤީވެ ތަހުޒީބުކަމާއި ތަމަންދުން ކުރިއަރާދާތަން ފެންނަމުންދާ އެންމެ ބޮޑު އެއްކަމަކީ ޤާނޫނުތަކާއި، ޤަވާޢިދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވެމުންދާތަން ކަށަވަރުވުން ކަމަށެވެ. ވަޒީރު ވިދާޅުވީ ޤާނޫނުން ދައުލަތަށް ލާޒިމުކުރާ ކަންކަމާއި، ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކާއި، ރައްޔިތުންގެ ޒިންމާތަކާއި މިކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާއި، ދައުލަތުގެ މުއައްސަސާތަކާއި، އެކަންކަން ކަށަވަރުކުރުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން ޝާމިލްވެ ހުށިޔާރުވާންޖެހޭ ކަންތައްތަކަށް ހުށިޔާރުވެ އެކަންތައްތައް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އެގޮތަށް ބަލާއިރު ރާއްޖޭގައި އެންމެ ޚާއްސަ ދައުރެއް އަދާކުރާ އެއް މުއައްސަސާއަކީ އެލްޖީއޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެންމެ މުހިންމު ޒިންމާއެއް އޮތީ ކައުންސިލްތަކުގެ އަތްމަތީގައި ކައުންސިލްތަކުގެ ޒިންމާ ވަރަށް ބޮޑު އެޒިންމާތަކަށް ބަލާއިރު ބައެއް ކޮމިޝަންތަކަށްވުރެ ކައުންސިލްތަކުން ކުރައްވަންޖެހޭ މަސައްކަތްތައް ގިނަ މިޤާނޫނު ވުޖޫދުވެގެން އައުމުން ރައްޔިތުންނަށާއި، ކައުންސިލްތަކުގެ ޒިންމާ މިހާރަށްވުރެ ބޮޑުވާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ އެލްޖީއޭގެ ޓެރިޓަރީއަށް ވަދެ މަސައްކަތްކުރާކަށް އެހެންބަޔަކަށް ފުރުސަތު ނުދެއްވާނެކަމަށެވެ. އަދި އެލްޖީއޭގެ ޤާނޫނުން ލާޒިމްކުރާ ކަންތައްތައް ފުރިހަމަ ކުރެވިގެންދާކަން އެވުޒާރާއިން ކަށަވަރުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގޯތިގެދޮރުގެ އެކިއެކި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިކަންކަމުގައި އެންމެ މުހިންމު ބަޔަކަށް ވާނީ ސިޓީތަކާއި ރަށްތަކާއި އަތޮޅުތަކުގެ ކައުންސިލްތައްކަމަށެވެ. އަދި މިއީ ރައްޔިތުންނާ ގުޅިފައި އޮތް އެންމެ ބޮޑު މައްސަލަކަމަށާ، މިކަމަކީ އެހާމެ ބޭނުންތެރި މަސައްކަތަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގޯތި ގެދޮރު ކުއްޔަށް ދިނުމުގެ މައްސަލައަކީ ރިޔާސީ އިންތިޚާބުގެތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ހުށައެޅި ކަންބޮޑުވުމެކެވެ. ގޯތިގެދޮރުގެ ކުލީގެ މައްސަލަ އަވަސްކޮށް ރައްޔިތުން އަތްފޯރާފަށަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14 މަގު ޗާޓުގައިވެސް ވަނީ ހިމަނުއްވާފައެވެ.