ޚަބަރު

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ޝީނާ އިންތިޚާބުވެއްޖެ


  • ޝީނާ އިންތިޚާބުވީ ވޯޓުލި 36 މީހުންގެ ތެރެއިން 24 މީހުންގެ ވޯޓާއެކު

  • ބައި-އިލެކްޝަން ބާއްވާފައިވަނީ އިއްޔެ އޮންލައިންކޮށް

  • ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި 9 މެންބަރުން ތިއްބަވައި

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން އަލްއުސްތާޛާ ޢާއިޝަތު ޝީނާ މުޙައްމަދު ކާމިޔާބުކޮށްފިއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ގޮނޑި ހުސްވެފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި އަލްއުސްތާޛް ޢަލީ ޢަބްދުލްލަޠީފް އެ މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

މި ބައި-އިލެކްޝަންގެ ވޯޓުލުން ބާއްވާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ "ފަހި ވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ.

މި ބައި-އިލެކްޝަންގައި ވާދަކޮށްފައިވަނީ ޝީނާ އެކަންޏެވެ. ވޯޓުލި 36 މީހުންގެ ތެރެއިން، މެންބަރުކަމަށް ޝީނާ އިންތިޚާބުކުރުމަށް ފެންނަކަމަށް ވޯޓުލާފައިވަނީ 24 މީހުންނެވެ. ނުފެންނަކަމަށް 12 މީހަކު ވޯޓުލަފައިވެއެވެ.

މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވި 71 ޤާނޫނީ ވަކީލުންނަށެވެ. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި 9 މެންބަރުން ތިއްބަވައެވެ.