ޗައިނާގެ ދިރާސާކުރާ ބޯޓެއް ކަމުގައިވާ "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖޭގައި ބަނދަރު ކުރިޔަސް، އެ އުޅަނދު ރާއްޖޭގައި އެއްވެސް ދިރާސާއެއް ކުރިއަށް ނުގެންދާނޭކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދީފައިވަނީ އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާތީކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް އެ އުޅަނދުން ކުރިއަށް ނުގެންދާނޭކަމަށްވެސް ބަޔާނުގައެވެ.
ރާއްޖެއަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ގައުމެއް ކަން ފާހަގަކުރައްވަމުން، ހާރިޖީ ވުޒާރާއިން ވިދާޅުވީ ސުލްހަވެރި ބޭނުމަކަށް ރާއްޖޭގައި ބަނދަރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށްވެސް ރާއްޖެއިން އަބަދުވެސް ޚިދުމަތް ދޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއާއި އެހެނިހެން ޤައުމުތަކާ ދެމެދު އޮންނަ ޚާރިޖީ ގުޅުން ވަރުގަދަވުމުގެ އިތުރުން، އެހެން ޤައުމުތަކުގެ މީހުންނަށް މަރުހަބާ ކިޔުމުގައި ދިވެހިން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާ ސަގާފަތް ފެންނާނެކަމަށްވެސް ބަޔާނުގައިވެއެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ މިފަދަ ކަންކަމުގައި ރާއްޖެއިން އަބަދުވެސް އަމަލުކުރަމުންދަނީ ބައިނަލްއަޤްވާމީ އުސޫލުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކުގެ ހަމަތައް ހިފަހައްޓައިގެންކަމަށެވެ.