ޚަބަރު

ޕްރައިމަރީއަކާ ނުލައި 13 މީހަކަށް ޕީޕިއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓް ކަށަވަރުވެއްޖެ


  • 13 ދާއިރާއަށް ކުރިމަތިލެއްވީ ކޮންމެ ދާއިރާއަކަށް އެއް ކެންޑިޑޭޓުން

  • މިހާރުގެ ބައެއް މެންބަރުންވެސް ހިމެނިވަޑައިގަންނަވާ

  • 93 ދާއިރާއަށް އެ ކޯލިޝަނުން ވާދަކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓު 13 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ކަށަވަރުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، 13 ބޭފުޅަކަށް ޓިކެޓް ކަށަވަރުވީ އެ ދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީކަމަށެވެ. ޓިކެޓު ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް ތިއްބެވި ބައެއް މެންބަރުންވެސް ހިމެނިވަޑައިގަންވައެވެ. އަދި ސިޓީ ކައުންސިލާއި ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރުވި ބޭފުޅުން:

• ހޯރަފުށީ ދާއިރާ: އަލީ މޫސާ، ހުޅުމާލެ ފްލެޓް
• ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މިހާރުގެ މެންބަރު
• ހަނިމާދޫ ދާއިރާ: އިދުރީސް ޢަބްދުﷲ، އިރުދޯދި/ ހދ. ހަނިމާދޫ
• އޭދަފުށި ދާއިރާ: އަހުމަދު ސަލީމް، އޭދަފުށީ ދާއިރާގެ މިހާރުގެ މެންބަރު
• މަހިބަދޫ ދާއިރާ: އަހުމަދު ޠާރިޤް، މަހިބަދޫ ދާއިރާގެ މިހާރުގެ މެންބަރު
• ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ، ފިގް/ މާލެ
• ތިމަރަފުށީ ދާއިރާ: އަޙްމަދު ސަނާހު، ނިޝާން/ ތ. ތިމަރަފުށި
• ފޮނަދޫ ދާއިރާ: ޢަބްދުއްރަޙީމް ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް
• ހިތަދޫ މެދު ދާއިރާ: އަޙްމަދު އަޒާން މަރުޒޫގް، ހެޕީ ހާޓް/ ސ. ހިތަދޫ
• ހުޅުދޫ ދާއިރާ: މުޙައްމަދު ޝާހިދު، މޭވާގަސްދޮށުގެ/ ސ.ހުޅުދޫ
• ގަލޮޅު ދެކުނު ދާއިރާ: އިބްރާހީމް މުޙައްމަދު، ގ. ގްރީންބީންސް
• ހެންވޭރު ހުޅަނގު ދާއިރާ: ޢަލީ އިބްރާހީމް، ހ. މަދޮށިމާގެ
• ހުޅުމާލެ މެދު ދާއިރާ: ޢަބްދުﷲ ޝަޒީމް، ހުޅުމާލެ ފްލެޓް


ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި އެންމެނަށް ވާދަކުރެވޭ ގޮތަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ބާއްވާނީ 17 މާޗުގައެވެ. މި އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އައްޔަން ކުރާނެއެވެ. އެ ކޯލިޝަނުން ނިންމާފައިވަނީ ހުރިހާ ދާއިރާއަކަށްވެސް ވާދަކުރުމަށެވެ.