ޚަބަރު

ދިވެހިބަހުގެ ދުވަހާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރގެ ޚިޠާބު


ދިވެހިބަހުގެ އެކި ރޮނގުރޮނގުން ޚާއްޞަކޮށް ޅެންވެރިކަމާއި ވާހަކަދެއްކުންތެރިކަމާއި، ލިޔުންތެރިކަމުގެ ރޮނގުން ދަރިވަރުން އުފެއްދެވުމަށްޓަކައި މިއަދު ހިންގަވާ ގިނަ ޙަރަކާތްތަކަކީ މާދަމާ ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާނެ ދަރިންތަކެއް އުފެއްދޭނެ މުހިންމު މަސައްކަތްތަކެއް ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ދެއްވި ޚިޠާބުގައެވެ.

ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން އެޑިއުކޭޝަން މިނިސްޓަރ ދެއްވި ޚިޠާބުގައި އެކަމަނާ ވިދާޅުވީ ދިވެހި ކިޔަވާ ކުދިންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރެއްވުމަށް ސްކޫލް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ދިވެހިބަހުގެ އެކި ރޮނގުން، ޚާއްޞަކޮށް ޅެންވެރިކަމާއި ވާހަކަދެއްކުންތެރިކަމާއި، ލިޔުންތެރިކަމުގެ ރޮނގުން ދަރިވަރުން އުފެއްދުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ މުބާރާތްތަކުގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކުރިއަށްގެންދެވޭކަމީ ދިވެހި ބަހުގެ ކުރިމަގަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިހާރު މުދަރިއްސުން ކުރައްވާ މަސައްކަތުގެ އިތުރުން ދިވެހި ކިޔަވާކުދިންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯތްބާއި ޝައުޤު މިހާރުވުރެ އިތުރުކޮށްދެއްވުމަށް މުއްދަރިސުން ކިބައިން އެދިވަޑައިގެންނެވިއެވެ.ދަރިވަރުންގެ ދުވަހު ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކުރަނީ އެކުދިން އުޅޭ ޢާއިލީ މާހައުލުގައި ކަމުން އުނގެނުމުގެ ހުރިހާ މަރުޙަލާއެއްގައިވެސް ދަރިވަރުންނަށް ރީތި ދިވެހިބަސް ބޭނުންކުރަން ބާރުއަޅައިދެއްވުމަށާއި ދަރިވަރުން ކިޔާނެ އެކަށީގެންވާ ދިވެހި ފޮތްތައް ހޯއްދަވައިދެއްވުމަށާއި ދިވެހި އަދަބީ ޙަރަކާތްތަކުގައި ބައިވެރިވުމަށް ދަރިވަރުންނަށް ހިތްވަރުދެއްވުމަށް ލޮބުވެތި ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ދިވެހިބަސް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތަކީ ހަމަ ކޮންމެ ދިވެހި ދަރިއެއްގެ ވެސް ވާޖިބެއްކަން އެޑިއުކޭޝަން މިނިސްޓަރގެ ޚިޠާބުގައި ފާހާގަކުރައްވާފައިވެއެވެ. އެހެންކަމުން ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން އެނގުމަކީ ކޮންމެ ދިވެއްސަކަށް ލާޒިމުކަމެއްކަމަށާއި، ދިވެހި ބަހުގެ ރީތި ލަފުޒުތައް ބޭނުންކޮށްގެން ކުށްނެތް ސާދާ ދިވެހި ބަހުން ވާހަކަދައްކާ ލިޔެހެދުމަކީ ހަމަ ކޮންމެ ކުއްޖަކަށްވެސް ލިބިފައިވާންޖެހޭނެ މައިގަނޑު ޤާބިލިއްޔަތެއް ކަމަށް އެކަމަނާ ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމުގެ މަސައްކަތުގައި ދައުލަތުގެ ގިނަ ވުޒާރާތަކާއި މުއައްސަސާތަކެއް ބައިވެރިވެވަޑައިގެންނެވި ކަމީ ބަހުގެ ކުރިމަގު އުޖާލާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއްގެ ގޮތުގައިކަމުގައިވެސް ދިވެހިބަހުގެ ދުވަހުގެ އެޑިއުކޭޝަން މިނިސްޓަރ ދެއްވި ޚިޠާބުގައި ވިދާޅުވިއެވެ. މިއަހަރުގެ ދިވެހިބަހުގެ ދުވަހަށް ދިވެހިބަހުގެ އެކެޑަމީން ކަނޑައެޅުއްވި ޝިޢާރަކީ "ޤައުމީ އެއްބައިވަންތަކަމަށް ޓަކައި - އެންމެންގެ ސަމާލުކަން ދިވެހިބަހަށް" މި ޝިޢާރެވެ.