ޚަބަރު

ގެވެށިއަނިޔާއާ ދެކޮޅަށް ރެހެންދި ސްކޫލުން ކެމްޕޭނެއް ފަށައިފި


އަންހެނުންނަށް ކުރާ ގެވެށިއަނިޔާއާ ދެކޮޅަށް ރެހެންދި ސްކޫލުގެ ޕީޓީއޭ އިން އިސްނަގައިގެން ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ. 

މި ކެމްޕޭން ފެށުމުގެ ގޮތުން ވަނީ ޚާއްސަ ބެޖެއްވެސް އިފްތިތާޙުކޮށްފައިވެއެވެ. "ރެހެންދި ސްކޫލް ގެވެށި އަނިޔާއާއި ދެކޮޅަށް 2016" ނަމުގައި، އެ ސްކޫލުން ފެށި މި ކޭމްޕަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އެ ސްކޫލުގެ ޕޭރެންޓް އެންޑް ޓީޗާރސް އެސޯސިއޭޝަން ގުޅިގެން ފެށި ކެމްޕޭނެކެވެ. ރެހެންދި ސްކޫލުން ވިދާޅުވީ މި ކެމްޕެއިންގައި މިކަމަށް ޚާއްޞަ ކުރެވިފައިވާ ބެޖް ތައްޔާރުކޮށް ވިއްކުމާއި އަދި ކެމްޕޭން ކުރިޔަށް ދާ ހަފްތާގައި މި ބެޖް ޖަހައިގެން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނެވެރިން އުޅުމާއި، އެސެމްބްލީތަކުގައި ގެވެށި އަނިޔާއާއި ބެހޭގޮތުން ޙާއްސަ ސެޝަންތަކެއް ގެންދިޔުމަށް ރާވާފައިވާކަމަށެވެ. މީގެ އިތުރުން ގެވެށި އަނިޔާއާއި ދެކޮޅަށް ބެނަރއެއް ތައްޔާރުކޮށް ސްކޫލުގަޔާއި ހުޅުމާލޭގެ ތަފާތު 3 ސަރަހައްދެއްގައި ބެނަރ ބެހެއްޓުމާއި ހުކުރު ދުވަހުގެ ހަވީރު ބެޖް ވިއްކުމަށްޓަކައި ޙާއްސަކުރެވިފައިވާ ސަރަހައްދުތަކުގައި ގެވެށި އަނިޔާއާއި ދެކޮޅަށް ހެދިފައިވާ ލަވަތައް ޖެހުންފަދަ ތަފާތު ހަރަކާތްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

މިކޭމްޕޭން އިފްތިތާހުކޮށްދެއްވައި ފައްޓަވައިދެއްވީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނާއިބު އަލްއުސްތާޛު ޠާރިޤް ޚައްދާމް އަލް ފާއިޒެވެ. ކެމްޕޭން ފައްޓަވައިދެއްވުމަށްފަހު ސައުދީ ސަފީރުގެ ނައިބް ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިންނަށް އޯގާތެރިވުމާއި، ޔަތީމް ކުދިންނަށް އަޅާލުމާއި އަބިންނަށް ހެޔޮކޮށްހިތުމާއި ގޭތެރޭގެ ކަންތައްތަކަށް ބެލެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިފަދަ ކެމްޕޭނެއް ފެށުމުގެ މަޤްސަދަކީ ސްކޫލް ދަރިވަރުން ޓީޗަރުން އަދި ބެލެނެވެރިން މުޖްތަމައުގެ ތެރޭގައި ހިނގާ ގެވެށި އަނިޔާގެ މިންވަރާއި، ގެވެށި އަނިޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ގެވެށި އަނިޔާ ހުއްޓުވުމަށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތްކުރުންކަމަށް ރެހެންދި ސްކޫލުން މަޢުލޫމާތުދެއްވައެވެ.