ޚަބަރު

މަސައްކަތް ކުރައްވާނީ އެންމެންނާއި ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން: މޭޔަރ އާޒިމް


  • ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ހުރިހާ ކަމަކަށް އެއްބާރުލުން ދޭނަން

  • އެންމެންގެ މޭޔަރުކަން އަބަދުވެސް ހަނދާންކުރާނަން

  • މަގްސަދަކީ މާލެ ސިޓީގެ ޚިދުމަތްތައް ފުޅާކުރުން

މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނީ އެންމެންނާއި ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން ކަމަށް މާލޭ ސިޓީގެ އައު މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ، މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

މާލޭ ސިޓީގެ އައު މޭޔަރު އާދަމް އާޒިމްވަނީ ލާމަރުކަޒީ ނިޒާމް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ ޝުކުރުއަދާ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވިއިރު ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައިވެސް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

އާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ތަރުތީބުވެފައި އޮތީ މައި ސަރުކާރުގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ. އަދި އާޒިމްގެ މޭޔަރު ކަމުގެ ދައުރުގައި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ހުރިހާ ކަމަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އާޒިމަކީ ރައްޔިތުންގެ ޚިދުމަތުގައި ހުރި މީހެއްކަމަށާއި އެއީ އެންމެންގެ މޭޔަރުކަން އަބަދުވެސް ހަނދާންކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ އެންމެންނާއި ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން. އަޅުގަނޑުގެ އެއްބާރުލުން ސަރުކާރަށް އަދި މުއައްސަސާތަކަށް އަބަދުވެސް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން. ރައްޔިތަކަށް ފަސޭހައެއް ލިބޭނެ ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި އަޅުގަނޑު ހުރަހަކަށް ނުވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށާއި، މުއައްސަސާތަކަށް އަރުވަން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މަޤްސަދަކީ މާލެ ސިޓީގެ ޚިދުމަތްތައް ފުޅާކޮށް، އެ ޚިދުމަތަށް އާދޭސްކުރަން ނުޖެހި، ފަސޭހައިން ޚިދުމަތްލިބޭ ތަނަކަށް މާލެ ސިޓީ ހެދުންކަމަށެވެ. އަދި އާޒިމުގެ މޭޔަރުކަމުގައި މާލެސިޓީއަކީ ފެހި އަދި ސާފު ތަނަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.