މައްސަލަ ބޮޑުވެފައިވާ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ އިންތިޚާބުގެ ކަންކަން ހުއްޓާލަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ އޭއެފްސީން އަންގައިފިއެވެ.
މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ތާވަލްކުރި އިންތިޚާބުގެ ކަންކަން ހުއްޓާލަން ފީފާ އަދި އޭއެފްސީ އެފްއޭއެމަށް އެންގީ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރަން ހުށަހެޅި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަޙްމަދު ޠާރިޤު (ޓޮމް) ގެ ކެންޑިޑެސީ ބާތިލްކުރަން، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ނިންމާފައިވަނިކޮށެވެ.
ފީފާއާއި އޭއެފްސީން މި އިންތިޚާބުގެ ކަންކަން ހުއްޓާލަން އެންގީ އިލެކްޓޯރަލް ކޮމިޓީ އެކުލަވާލައިފައިވާ ގޮތް ސައްހަ ނޫން ކަމަށް ބަޔާންކޮށެވެ. އެފްއޭއެމް އިންތިހާބު މައްސަލައިގައި ޠާރިޤު، އޭއެފްސީ އާއި ފީފާ އަށް މައްސަލަ ހުށަހަޅާފައިވާއިރު، އެފްއޭއެމް އިން ވެސް، އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން މި ކަމުގައި އަމަލުކުރާނެ ނިންމަން، ފީފާ އާއި އޭއެފްސީގެ ލަފައަކަށް ވަނީ މީގެކުރިން އެދިފައެވެ.
ބަޔާނުގައިވާ ގޮތުން ކޮންގްރެސް އެއް ބާއްވާ އިލެކްޓޯރަލް ކޮމިޓީއާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އަލުން އިންތިޚާބު ކުރުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި އަސާސީ ޤަވާއިދާއި އިލެކްޓޯރަލް ކޯޑާ އެއްގޮތަށް ދެ ކޮމިޓީއަށް އެއްފަހަރާ މެންބަރުން ނެގުމާއި، އޭގެ ފަހުން، އެފްއޭއެމްގެ އިންތިހާބުގެ ޕްރޮސެސް އާ ފެށުމަކުން ފެށުމަށް ވަނީ އަންގާފައެވެ.
ފީފާ އަދި އޭއެފްސީ އިން އެފްއޭއެމްގެ އިންތިހާބާ ގުޅޭ މި ހުރިހާ ހަރަކާތެއް ގާތުން ބަލަމުންގެންދާނެ ކަމަށް ވެސް ވަނީ އަންގައިފަ އެވެ. ޠާރިޤުގެ އިތުރުން އެފްއޭއެމް އިންތިހާބަށް ވާދަކުރަން ކެންޑިޑެސީ ހުށަހަޅާފައިވަނީ ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.
ޤަވާއިދާ ހިލާފު ކޮމިޓީއަކުން އެފްއޭއެމް އިންތިހާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީއާ ދެކޮޅަށް، ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށައެޅުއްވީ ޠާރިޤުވެ. މައްސަލަ ހުށައެޅުއްވީ އިލެކްޓޯރަލް ކޮމިޓީން އޭނާގެ ކެންޑިޑެސީ ބާތިލްކުރުމުންނެވެ. އެ މައްސަލަ އެޕީލް ކުރަން ބެލިއިރު، އިޖުރާތާ އެއްގޮތަށް އެފްއޭއެމް އިން އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް އެކުލަވާލައިފައި ނެތެވެ.