ޚަބަރު

ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ޙައްގުތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން ކުށަށްއަރައިގަނޭ: އިޙްސާން


  • ޤާނޫނަށް އިސްލާހުތައް ހުށަހަޅާއިރު ސާފު އިބާރާތްތައް ބޭނުންކުރަން ގޮވާލެއްވި

  • މުވައްސަސާތައް ގުޅިގެން މުޖުތަމަޢުގައި ކުށްކުރާ ކުދިން ހުސްކުރުމަށް މަސައްކަތް ކުރަން ޖެހޭ

  • ޤާނޫނު އިސްލާހު ކުރާ ސްޕީޑަށް ވުރެ ކުށްކުރާ މީހުން އެ ޤާނޫނުތަކަށް އަހުލުވެރިވުން އަވަސް

ޤާނޫނުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ޙައްގުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ބައެއް ގްރޫޕްތަކުން އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ "ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް" ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ވަނީ ކުޑަކުދިންގެ އަދުލުގެ ޤާނޫނު ތަންފީޒު ކުރުމުގައި މުއައްސަސާތަކުން ކުރާ މަސައްކަތްތަކުގައި ފުށުއަރާ ކަންކަން ހުރިކަން ފާހަގަކުރައްވައި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ 2019 ވަނަ އަހަރު ކުޑަކުދިންގެ އަދުލުގެ ޤާނޫނު އައިފަހުން އެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުން ޤާނޫނުގައި އިސްލާހު ކުރަން ހުރި ކަންކަމުގެ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ޤާނޫނަށް ގެނެސްފައިވަނީ އެންމެ އިސްލާހެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ޤާނޫނަށް އިޞްލާހު ގެނެސްފައިނުވާތީ، ބައެއް މުއައްސަސާތަކުން އަދާ ކުރަން ޖެހޭ ޒިންމާ އަދާ ނުކޮށް އެބަތިބިކަމަށެވެ.


ވަޒީރު ވިދާޅުވީ ބައެއް މުއައްސަސާތަކަށްވުރެ ކުށްކުރާ މީހުން އެ ޤާނޫނުތަކަށް އަހުލުވެރިވެ، ޤާނޫނުތަކުގައި ހުންނަ ބާގަނޑުތައް ދެނެގަނެ އެކަމުގެ ނާޖާއިޒް ފައިދާ ނަގަމުންދާކަމަށެވެ. އެހެންކަމުން ހުރިހާ މުއައްސަސާއަކުންވެސް އެކަމަށް ވިސްނަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަހާސިންތާއިން އެކުލަވާލާ އެކްޝަން ޕްލޭންތަކަކީ ދައުލަތުގެ މުއައްސަސާތަކުން އެކުގައި ފަސޭހައިން މަސައްކަތް ކުރެވޭނެ ގޮތަށް އެކުލަވާލެވޭ ޕްލޭންތަކަށް ހެދުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ޤާނޫނު ތަންފީޒު ކުރާ މުއައްސަސާތައް ގުޅިގެން މުޖުތަމަޢުގައި ކުށްކުރާ ކުދިން ހުސްކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އޮބްޖެކްޓިވްއަކީ މި މާކެޓް ހިފަހައްޓައިގެން އަބަދު ކޮންމެވެސް މީހަކަށް ރިހެބިލިޓޭޝަން ފަރުވާ ދިނުމެއް ނޫން. މާދަމާ މުޖުތަމައުގައި ކުށަށް ހުށަހެޅޭ ކުދިން އެއްކޮށް ހުސްކުރުން. ކުދިން ކުށަށް ހުށަހެޅިދާނެ ދިމަދިމާ ދެނެގަނެ އެކަންކަމަށް ހައްލު ހޯދުން. ރިހެބިލިޓޭޝަނަކީ އަގުބޮޑު މަރުހަލާއެއް. ހިޔުމަން ކޯސްޓް، ސޯޝަލް ކޯސްޓް އަގުނުކުރެވޭ. އެހެންވީމާ އެ ހިސާބަށް ނުގޮސް މިކަން ހައްލު ކުރެވޭނެތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަން ވާނެ،" ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.


އިޙުސާން ވިދާޅުވީ ޤާނޫނުތަކުގައި ލިޔެފައި ހުންނަ އެއްޗެހި ރަނގަޅަށް ސާފުނުވުމުގެ ސަބަބުން އެއް ކުށެއް ކުރާ އެކި ކުދިންނަށް ތަފާތު ފިޔަވަޅުތައް އެޅޭފަހަރުވެސް އެބަހުރިކަމަށެވެ. އެހެންކަމުން އެ ކުދިންގެ ޙައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ސާފު އިބާރާތުން، އެއްވެސް ކަމެއް ފުށުނާރާ ގޮތަށް ނިޒާމަށް ބަދަލު ގެނައުމަށް އިސްލާހުތައް ހުށަހެޅުމަށް ވަޒީރު ގޮވާލެއްވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޖުވެނައިލް ޖަސްޓިސް މަހާސިންތާއަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަން ހައްލު ކުރުމަށް މުއައްސަސާތަކުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާގެ ތެރެއިން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމު ކުރުމާ ގުޅޭގޮތުން އެކްޝަން ޕްލޭނެއް އެކުލަވައިލާނެއެވެ.

ޔުނިސެފްގެ އެހީގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި މަހާސިންތާގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި، އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި، ތަޢުލީމީ ވުޒާރާ އާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ބައިވެރިވެއެވެ.