ޚަބަރު

އިންފުލުއެންޒާ ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ


  • މަރުވީ ދިވެހި އަންހެނެއް

  • އިންފުލުއެންޒާ ޖެހިގެން ދިވެހި ފިރިހެނެއްވެސް މިމަހު މަރުވި

  • ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވާ

އިންފުލުއެންޒާ ޖެހިގެން ފަރުވާ ދެމުންދަނިކޮށް ދިވެއްސަކު މަރުވެއްޖެއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ބުނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައި މަރުވީ 35 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވެފައި ވަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުންދަނިކޮށްކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މިއީ އިންފުލުއެންޒާ ޖެހިގެން މިމަހު މަރުވި 2 ވަނަ މީހާއެވެ. އަދި އިންފުލުއެންޒާ ޖެހިފައިވާ 2 މީހެއްގެ ހާލުދެރަވެގެން ވެންޓިލޭޓަރުގައި މިހާރުވެސް ފަރުވާ ދެމުން އަންނަކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އެޗްޕީއޭއިން ވިދާޅުވީ އިންފުލުއެންޒާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ މީހުންގެ އަދަދު އިތުރުނުވިޔަސް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ހައިރިސްކުގެ މީހުން މިބަލިން ސަލާމަތްވުމަށްޓަކައި ޖަހަންޖެހޭ ވެކްސިން ޖެހުމަށް އިލްތިމާސްކުރާކަމަށެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 19 މީހަކު ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ "އެޗް ތްރީ އެން ޓޫ"އަށް ޕޮޒިޓިވްވެފައިވާ 10 މީހަކާއި އެޗް.ވަން.އެން.ވަންއަށް ޕޮޒިޓިވްވެފައިވާ 8 މީހެކެވެ. އަދި އިންފްލުއެންޒާ ބީ އަށް މިހާތަނަށް އެކަކު ޕޮޒިޓިވްވެފައިވާކަމަށްވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.