ޚަބަރު

އޭޑީއެފްއާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާ


  • އޭޑީއެފްގެ ގޮތުގައި ދައުލަތަށް 1 ބިލިއަން ރުފިޔާ

  • ޑިޕާޗަރ ޓެކުހުގެ ގޮތުގައި 983 މިލިއަން ރުފިޔާ

  • އާމްދަނީ ވަނީ 2022 ވަނަ އަހަރަށްވުރެ އިތުރުވެފައި

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އޭޑީއެފް އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ތަފާސް ހިސާބުތައްކުން ދައްކައިފިއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރުތެރޭ އެއަރޕޯޓު ޑިވެލޮޕްމަންޓު ފީ، އޭޑީއެފްގެ ގޮތުގައި ދައުލަތަށް 1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 983 މިލިއަން ރުފިޔާ ލިބިފައެވެ.

އޭޑީއެފްގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީއަކީ އޭގެކުރިން 2022 ވަނަ އަހަރު ލިބުނު 849 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 18.9 އިންސައްތަ އިތުރު އަދަދެެކެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 983 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ 2022ވަނަ އަހަރު ލިބުނު 830 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 18.3 އިންސައްތަ އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކުހަކީ ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕަޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.

ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީތައް

  • އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު
  • ބިޒްނަސް ކްލާސް: ދިވެހިން - 60 ޑޮލަރު / ބިދޭސީން - 60 ޑޮލަރު
  • ފަސްޓް ކްލާސް: ދިވެހިން - 90 ޑޮލަރު / ބިދޭސީން - 90 ޑޮލަރު
  • ޕްރައިވެޓް ޖެޓް: ދިވެހިން - 120 ޑޮލަރު / ބިދޭސީން - 120 ޑޮލަރު

އެއަރޕޯޓު ޓެކުހާއި ފީގެގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މިދިޔަ އަހަރުތެރޭ ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.