އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމުގެ އާބާތުރަފިލުވައި، ސްޓޭޑިއަމް މަރާމާތުގެ މަސައްކަތްތައް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ފައްޓަވައިދެއްވައިފިއެވެ.
އައްޑޫ ސިޓީއަށް ދާދި ފަހުން ވަޒީރު ކުރެއްވި ދަތުރުފުޅުގައި ހިތަދޫ ޒޯން ސްޓޭޑިއަމް މަރާމާތުގެ މަސަައްކަތް ފައްޓަވައިދެއްވުމަށްފަހު ވަނީ ދަނޑުގެ ރޮސްޓްރަމުގެ ހާލަތު ބައްލަވާލައްވާފައެވެ. ވަޒީރުގެ އަރިހުގައި މި ދަތުރުގައި ސްޓޭޓް މިނިސްޓަރުން ކަމަށްވާ އިބްރާހީމް ޢާމިރާއި މުޙައްމަދު ރިޔާޒްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އާމިނަތު ޝަޖަން ބައިވެރިވެވަޑައިގެންނެވިއެވެ.
ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އެ ސްޓޭޑިއަމުގެ ފުރާޅުން ފެން ލީކުވުމުގެ މައްސަލަ ހައްލަކުރުމާއި، ކުލަލުމުގެ އިތުރުން އިމާރާތުގެ އެތެރެއަށް ފެން ލީކުވާ މައްސަލަ ހައްލަކުރުމާއި، ފެން އެޅުމުގެ ސަބަބުން ހަލާކުވެފައިވާ ސީލިންގްތައް މަރާމާތު ކުރެވިގެންދާނެއެވެ.
ސަމާލުކަން ނުދެވި، ގިނަ މަރާމާތުތަކެއް ބޭނުންވެފައިވާ ހިތަދޫ ޒޯން ސްޓޭޑިއަމުގެ މަރާމާތުގެ މަސައްކަތް ނިމޭއިރު، އަލުން އެ ދަނޑުގައި މުބާރާތްތައް ކުޅޭވޭ ފެންވަރަށް އަނބުރާ ގެނެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ރާއްޖޭގެ ކުޅިވަރު ކުޅޭ ތަންތަނަށް ބޭނުންވާ މަރާމާތުތައް ކުރުމަށް އުސޫލުތަކެއް ކަނޑައަޅައި، އެކަން ހަރުދަނާ ގޮތެއްގައި ކުރެވޭނެ މަގު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެއެވެ.
އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓް އާއެވެ. ނޫރައްދީން އިންވެސްޓްމަންޓާ މި މަސައްކަތް ހަވާލުކުރީ އެއް މިލިުަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާއަށް 30 ދުވަސް ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ވަޒީރު ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، އެ ސިޓީގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރައްޔިތުންނަށް ކުޅިވަރު ކުޅުމަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.