ޚަބަރު

ދިރާގުން ޓެސްލާ ކާރު ގެނެސްފި، ގުރުއަތުލުން ބޮޑު ޢީދު ތެރޭގައި


  • ޕޯސްޓްޕެއިޑް ނުވަތަ ފައިބަރ ބްރޯޑްބޭންޑުގެ ޕެކޭޖެއް އޮވެގެން ބައިވެރިވެވޭނެ

  • ޕްރޮމޯޝަންގެ މުއްދަތު ހަމަވާނީ މިމަހު 31ގައި

  • އިނާމެއްގެ ގޮތުން ދިނުމަށް ހަމަޖެހިފައިވަނީ މޮޑެލް-3ގެ ޓެސްލާއެއް

ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ޓެސްލާއެއް ދިނުމަށް ދިރާގުން ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ފަރާތްތަކުގެ ގުރުއަތުލުން އޮންނާނީ ބޮޑު ޢީދާއި ދިމާކޮށްކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަހާ ދިމާކޮށް "ވިން އަ ޓެސްލާ" މި ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގައި އިނާމެއްގެ ގޮތުގައި ދިރާގުން ދިނުމަށް ނިންމާފައިވާ މޮޑެލް-3ގެ ޓެސްލާ މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ.

ނޫސްވެރިންނަށް ޓެސްލާ ދައްކާލުމަށްފަހު، މަޢުލޫމާތު ދެމުން ދިރާގުގެ މާކެޓިންގ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ ޙަސަން ޝާރިފް އާދަމް ވިދާޅުވީ، ޓެސްލާ ހޯދުމަށް، ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރެއްނަމަ 450 ވުރެ މަތީގެ ޕްލޭނެއް އޮންނަންޖެހޭނެ ކަމަށެވެ. އަދި ފައިބަރ ބްރޯޑްބޭންޑްގެ ކަސްޓަމަރެއްނަމަ 30 އެމްވީ ނުވަތަ އެއަށްވުރެ މަތީގެ ޕްލޭނެއް އޮންނަންޖެހޭނެކަމަށެވެ.

"ޕޯސްޓްޕެއިޑް ކަސްޓަމަރެއްނަމަ، 450 އަށްވުރެ މަތީގެ ޕްލޭނެއް އަޕްގްރޭޑްކޮށްފައި، އެންރޯލް ކުރަންޖެހޭނީ." ޙަސަން ޝަރީފް އާދަމް ވިދާޅުވިއެވެ.

ދިރާގުން ބުނީ ޓެސްލާ ލިބޭ ޕްލޭންތަކަށް ގިނަ ބަޔަކު އަޕްގްރޭޑް ކުރިނަމަވެސް، އެންރޯލްނުކޮށް ގިނަ ބަޔަކު ތިިބިކަމަށެވެ. އަދި އެންރޯލް ނުކުރާނަމަ، ގުރުއަތުގައި ބައިވެރިނުވެވޭނެކަމަށް ދިރާގުން ބުންޏެވެ. ދިރާގުގެ "ވިންއަޓެސްލާ" ޕޭޖަށް ދިޔުމުން އެންރޯލް ކުރެވޭނެކަމަށް އެކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަނަށް ކުރިމަތިލުމަށް ދިރާގުން ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެންބަރު 30 ގައެވެ. މުއްދަތު ހަމަވާ ތާރީޚަކީ މިމަހުގެ 31 އެވެ. މި ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑް ނުވަތަ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ތެރެއިން ޕްރޮމޯޝަނަށް ޝަރުތުހަމަވާ ޕްލޭނެއް އޮތް ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.