ޚަބަރު

އަޙްމަދު މޫސާގެ ޕާސްޕޯޓު ދޫކޮށްލަން ކުރެއްވި ޢަމުރު ބާޠިލުކުރައްވައިފި


  • ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ވަނީ ނިންމަވާފައި

  • އަހުމަދު މޫސާ ފިލައިފާނެކަމުގެ އިހްތިމާލު އެބައޮތްކަމަށް

  • 42 ދަޢުވާއެއް އޭނަގެ މައްޗަށް އުފުލާފައިވޭ

  • އެއީ އޭނާ ޚިޔާނާތްތެރިވިކަމަށް ބުނާ ކޮންމެ މީހެއްގެ މައްސަލަ ވަކިން

މަކަރާއި ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާޠިލުކޮށްފިއެވެ. މިގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރުމުންނެވެ.

އަޙްމަދު މޫސާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ ވަގުތީގޮތުން އެ ޕާސްޕޯޓު ދޫކޮށްލުމަށް ޢަމުރުކޮށްފައެވެ. އެ އަމުރު ޕީޖީން ވަނީ ހައި ކޯޓުގައި ވެސް އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާޢީދުކޮށްފައެވެ.

އެ ނިންމުން ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވަނީ އެއީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކުރައްވާފައިވަނީ އަހުމަދު މޫސާ ފުރަން ހުއްދަ ދިންއިރު މީގެ ކުރިން އޭނާގެ ޢަމަލުތައް ހުރި ގޮތުން އޭނާ ފިލައިފާނެކަމުގެ އިހްތިމާލު އެބައޮތް ކަމަށެވެ. އަދި އަދި ދަށު ކޯޓުން ހުއްދަ ދިންއިރު އެ އިޙްތިމާލަށް އަސަރުކުރުވާ ގޮތެއް ބަޔާންކޮށްފައިނުވާކަމަށް ވެސް ބަޔާންކުރައްވާފައިވެއެވެ.

މި ހުކުމުގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ކޯޓުގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް ކަމަށާއި ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ. އެހެންވެ ދައުލަތުން އެކަމުގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭގައި ފްލެޓް އަޅާނެ ކަމަށްބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ދައުލަތުން ވަނީ ގިނަ އަދަދެއްގެ ދައުވާ އަހުމަދު މޫސާގެ މައްޗަށް އުފުލާފައެވެ. އެގޮތުން، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާ އުފުލާފައެވެ. އެ ހުރިހާ މައްސަލައެއްގެވެސް ޝަރީއަތް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.