ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީން ވަނީ މިކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން، ޕާޓީން ވަކިވެވަޑައިގަތުމަށް އެދި އެމަނިކުފާނު ފޮނުއްވާފައިވާ ސިޓީއެއް ލިބިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އެނގިފައިޥާގޮތުގައި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމުގެ ކުރިން ފައިޞަލް ވަނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާވެސް މަޝްވަރާކުރައްވާފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުލިބެއެވެ.
2004 ވަނަ ސިޔާސީ ހަޔާތްޕުޅު ފައިސަލް ފެށެއްޓެވީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ. އެގޮތުން ޚާއްޞަ މަޖިލީހުގައި ފުވައްމުލަކު މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އަދި އެމްޑީޕީ އުފެދުމާއެކު އެޕާޓީއާއި ގުޅިވަޑައިގަތެވެ.
ފައިސަލް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ އެމްޑީޕީން ވަކިވެވަޑައިގެން 2008 ވަނަ އަހަރުއެވެ. ޖުމްހޫރީ ޕާޓީގައި އެމަނިކުފާނު ވަނީ 16 އަހަރު ޚިދުމަތް ކުރައްވާފައެވެ. ފައިޞަލް ވަނީ 2014 ވަނަ އަހަރު ކާށިދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައެވެ. އަދި 2018 ވަނަ އަހަރު ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ އިއްތިހާދުން އެއް ރިޔާސީ ކެންޑިޑޭޓެކު ނެރުމަށް ނިންމަވައި، ރަނިންމޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީއަށް ދިން ފުރުޞަތުގައި އެ ޓިކެޓު އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.
މިގޮތުން އޭރުގެ އިދިކޮޅު ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނަވައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ. އެއާއެކު އެމަނިކުފާނު ވެވަޑައިގަތީ ރާއްޖޭގެ 9 ވަނަ ނައިބު ރައީސަށެވެ.
އެމަނިކުފާނު ވެވަޑައިގަތީ ރާއްޖޭގެ ފެހި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން ފަސް އަހަރުގެ ދައުރެއް ފުރުހަމަކުރެއްވި ފުރަތަމަ ނައިބު ރައީސަށެވެ.
ޖުމްހޫރީ ޕާޓީގައި ހުންނެވި ނަމަވެސް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުން ފެށިގެން ފައިސަލް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީއާއެކުގައެވެ. އެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރެއްވި ނަމަވެސް އެމަނިކުފާނު ތާއީދު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށެވެ.