ޚަބަރު

ހުރިހާ ބިދޭސީންގެ މެޑިކަލް ރިޕޯޓު ހުށައަޅަން އިތުރު 6 މަސް ދުވަސް


  • އިތުރު 6 މަސް ވަނީ މެޑިކަލް ހުށައަޅަން ދީފައި

  • ބިދޭސީންގެ މެޑިކަލް އިތުރަށް ވަރުގަދަކުރީ ފައިލޭރިއާ ފެނުމުން

  • މެޑިކަލް ހުށަނާޅާނަމަ ފިޔަވަޅު އަޅާނެ

ރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ހުރިހާ ބިދޭސީންގެ މެޑިކަލް ރިޕޯޓް އަދި ވަރކް ޕަރމިޓް ފީއާއެކު ހުށައެޅުމަށް އެންގި މުއްދަތު ޖުލައި މަހަށް އިތުރުކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަނިއްޔަތާބެހޭ ވުޒާރާއިން ނެރުނު އިޢުލާނެއްގައި ވަނީ، ދެން އެންމެ އަވަހަށް ދައްކާ ވޯކް ޕަރމިޓް ފީ އާއެކު، ކޮންމެ ބިދޭސީ މަސައްކަތެރިއެއްގެ މެޑިކަލް ރިޕޯޓް ހުށައެޅުމަށެވެ. ނަމަވެސް އެކަމަށް ދިން މުއްދަތު އިތުރުކުރީ އެއްފަހަރާ ގިނަ ބިދޭސީންތަކެއްގެ މެޑިކަލް ރިޕޯޓް ހަދަންޖެހުމުން އެކަމުގައި ކުންފުނިތަކާއި ބިދޭސީން ގެންގުޅޭ މީހުންނަށް ދަތިވާތީކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށްވެސް ބާރުބޮޑުވާތީއެވެ.

ޕަރމިޓް ފީއާއެކު ބިދޭސީންގެ މެޑިކަލް ރިޕޯޓް ހުށައަޅަން ފުރަތަމަ އެންގީ މިމަހުގެ 4ވަނަ ދުވަހުން ފަށައިގެން ފީ ދައްކަން ހުށައަޅާއިރުއެވެ. ނަމަވެސް މިހާރު މިވަނީ މަސައްކަތްތެރިންގެ މެޑިކަލް ހުށައެޅުމަށް ދީފައިވާ މުއްދަތު ޖުލައި މަހުގެ 4 ވަނަ ދުވަހަށް އިތުރުކޮށް، 6 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާއިބެހޭ ޤަވައިދުގައި ބަޔާންކުރާގޮތުގައި ރާއްޖެއަށް ވަޒީފާގެ ބޭނުމަށް އެތެރެވާ ކޮންމެ ބިދޭސީއަކަށް ރާއްޖެ އެތެރެވެވޭނީ މެޑިކަލް ރިޕޯޓަކާއެކުއެވެ. މިގޮތަށް އަންގާފައިވަނީ ރާއްޖެއިން ނައްތާލާފައިވާ ބަލިތަކާއި، އަދި ނުތައްކާތެރި ބައްޔެއް ރާއްޖެއަށް އެތެރެވުމުން ހުއްޓުވުމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި ބިދޭސީން މަސައްކަތްތެރިންތަކެއް ވަނީ ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެމީހުންނަކީ އޮންނަ އުސޫލުގެ ތެރެއިން މެޑިކަލް ރިޕޯޓް ނުހައްދާ ރާއްޖެ އެތެރެވެފައިވާ މީހުންކަމަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ ހާމަކުރައްވާފައެވެ. އަދި ފަހުން ހެދި ސްކްރީނިންގައި ހުޅުމާލެއިންވެސް ވަނީ ބިދޭސީންތަކެއް ބައްޔަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް މި ބަލިޖެހިފައިވާ 32 ބިދޭސީން ވަނީ ރާއްޖެއިން ފެނިފައެވެ.

މިއާ ގުޅިގެން މެޑިކަލް ރިޕޯޓް ހުށައަޅަންޖެހޭ އުސޫލަށް ޢަމަލުކުރުން މިހާރު ވަނީ ހަރުދަނާކޮށްފައެވެ. އެގޮތުން ކަނޑައެޅިފައިވާ ބަލިތަކަށް ސްކްރީންކުރުމުގެ ރިޕޯޓާއެކު "ވަރކް ޕަރމިޓް މެޑިކަލް" ހުށައަޅަންޖެހޭނެއެވެ.

ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިހާރު އަންގާފައިވާގޮތަށް ޖުލައި 4ގެ ކުރިން މެޑިކަލް ހުށަނާޅާ ފަރާތްތަކަށް "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވައިދު"ގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.