ޚަބަރު

އަސްކަރީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • މި ބައްދަލުވުމުގައި ދިފާޢީ ބާރުގެ ކުރިއެރުމަށް އެމެރިކާއިން ދޭ އެހީތެރިކަމަށް ރައީސް ޝުކުރުއަދާކުރެއްވި

  • ރާއްޖޭގެ ދިފާޢީ ބާރު ކުރިއެރުވުމުގައި އަބަދުވެސް އެމެރިކާއިން އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ދެއްވި

އެމެރިކާގެ ނޭވީގެ އިންޑޯ ޕެސިފިކް އޭރިއާގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކީނޯ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާ އަސްކަރީ ދާއިރާއިން ގުޅިގެން މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، އެމެރިކާގެ ކޮމާންޑަރ އެކީނޯ މަރުޙަބާ ދެންނެވިއެޗެ، ދިވެހިރާއްޖެ އާއި އެމެރިކާ އާއިދެމެދު އޮތް ޒަމާންވީ ގުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެމެރިކާއިން ރާއްޖޭގެ އަސްކަރީ ބާރު ވަރުގަދަކުރުމަށް، ރާއްޖޭގެ ސިފައިންނަށް އެމެރިކާއިންދޭ ތަމްރީންގެ ފުރުޞަތުތައް ފާހަގަކުރައްވާ، އެ ޤައުމުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އަސްކަރީ ބާރު ކުރިއެރުވުމުގައި އެމެރިކާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކޮމާންޑަރ އެޑްމިރަލް ޖޯން އެކޯނީ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި ރާއްޖެއިން އިންޑިޔާ ކަނޑުގައި އަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް ކޮމާންޑަރ ފާހަގަކުރެއްވިއެވެ. ހަމައެއައިއެކު، ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާއިމެދު އިންޑޯ ޕެސިފިކް އޭރިއާގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކީނޯ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.