އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއެކު އާސެނަލް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އާސެނަލް ވަނީ ބަލިވެފައެވެ.
އެކަމަކު މިރޭ ކުޅުނު މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޑެކްލަން ރައިސްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު ގަބްރިއެލް މަގާޅައެސްއެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި އާސެނަލުން ލީޑު ފުޅާކުރިއިރު، މިއީ ޕެލަސްގެ ގޯލްކީޕަރު ޑީން ހެންޑަސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް އާސެނަލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. ގަބްރިއެލް ޖެސޫސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެއަންޑްރޯ ޓްރޮސާޑެވެ. ދެން މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ފަހު ދެ ލަނޑު، މެޗުގެ އިތުރު ވަގުތުގެ ދެ މިނެޓުގެ ތެރޭގައި ޖަހައިިދިނީ ބްރެިޒލްގެ ފޯވާޑް ގަބްރިއެލް މާޓިނެއްލީއެވެ.
މި މޮޅާއެކު އާސެނަލް ވަނީ ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައި، އެއްވަނައިގައި އޮތް ލިވަޕޫލާ ދެެމެދު އޮތް ފަރަގު ކުޑަކޮށްފައެެވެ. އެގޮތުން ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ކުޅުނު 20 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް އާސެނަލަށް ވަނީ 43 ޕޮއިންޓް ލިބިފައެވެ. އެކަމަކު އާސެނަލުން ވަނީ ސިޓީ އާއި ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.
އަދި މިރޭގެ މެޗުން ބަލިވި ޕެލަސް އޮތީ ތާވަލުގެ 14 ވަނައިގައި ކުޅުނު 21 މެޗުން ލިބުނު 21 ޕޮއިންޓާއެކުއެވެ. އެއާއެކު ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަންއަށް ޕްރެޝަރު ބޮޑުވެފައިވާއިރު، ކޯޗުގެ މަގާމުން އޭނާ ވަރަށް އަވަހަށް ވަކިކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.