ޚަބަރު

ކުއްޖާ ނުގެނެވި ލަސްވީ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ޑައިވަރޓް ނުކުރެވުމުން: އާސަންދަ


  • އިވެކުއޭޝަންގެ ރިކުއެސްޓް ލިބުނީ ބުރާސްފަތި ދުވަހުގެ ފަތިހު 5:03 ގައި

  • ރިކުއެސްޓް ލިބުނުތާ 12 މިނެޓް ތެރޭ އެޕްރޫވްކޮށް ޕްރޮސެސް ފެށި

  • ކުއްޖާ މާލެ ގެނެވުނީ އެދުވަހުގެ ހަވީރު 17:15 ގައި

ގއ. ވިލިނގިލި ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖާ އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވާން މެދުވެރިވީ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑައިވަރޓް ނުކުރެވުމުގެ ސަބަބުން ކަމަށް އާސަންދައިން ބުނެފިއެވެ.

ގއ. ވިލިނގިލި ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ މިިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެހެންނަމަވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފާރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެ ކުއްޖާވަނީ ނިޔާވެފައެވެ.

ކުއްޖާ މާލެ ނުގެނެވި ލަސްވުމާގުޅިގެން ކަން ހިނގައިދިޔަ ގޮތް ބާޔާންކޮށް އާސަންދައިން ނެރުނު ބަޔާނުގައި ބުނީ ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމަށް އިމަޖެންސީ އިވެކުއޭޝަންގެ ރިކުއެސްޓް ލިބުނީ މިދިޔަ ބްރާސްފަތި ދުވަހުގެ ފަތިހު 5:03 ގައިކަމަށެވެ. އަދި ރިކުއެސްޓް ލިބުނުތާ 12 މިނެޓުގެ ތެރޭގައި އިވެކުއޭޝަން އެޕްރޫވްކޮށް ފަތިހު 5:19 ހާއިރު ވިލިނގިލި ހޮސްޕިޓަލަށް އެކަން އަންގާ ފްލައިޓް ލިބޭތޯ ބެލުމަށް އެންގިކަމަށް އާސަންދައިން ބުނެއެވެ.

އެހެންނަމަވެސް ކޫއްޑޫ އެއަޕޯޓުން އެންމެ އަވަހަށް ޝެޑިއުލް ފްލައިޓެއް އޮތީ ހުކުރު ދުވަހުގެ ހެނދުނު 5:55 ގައިކަމަށާއި ވަގުތުން ޗާޓަރޑް ފްލައިޓެއްގެ އިންތިޒާމުތައް ފަށާއި ބުރާސްފަތި ދުވަހުގެ ހެނދުނު 8:57 ގައި މޯލްޑިވިއަނުން ޗާޓަޓް ފްލައިޓް ވަގުތު ލިބުނުކަން އާސަންދައިގެ ބަޔާނުގައި ފާހަގަކުރިއެވެ.

ޗާޓަޑް ފްލައިޓް ކޫއްޑޫއަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ 14:55 ގައި ކަމަށާއި، އެނބުރި މާލެއަށް އައުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ 16:20 ގައިކަމަށް އާސަންދައިން ބުންޏެވެ. އަދި ވިލިނގިލިން ކޫއްޑުއަށް އެ ކުއްޖާ ގެންދިއުމަށް އެމްއެންޑީއެފްގެ ސީ އެމްބިއުލާންސެއް 14:45 ގައި ހަމަޖެއްސިކަމަށްވެސް އާސަންދައިން ބުންޏެވެ.

މި އިންތިޒާމްތައް ހަމަޖެހިފައިވަނިކޮށް މާލެއިން ކައްދޫއަށް ދާން އޮތް ފްލައިޓްގައި ޖާގަހުރުމުން، ބުރާސްފަތި ދުވަހުގެ 11:40 ގައި ކޫއްޑޫ އެއަރޕޯޓުން އެކަން އެންގިކަމަށާއި، އެ ފްލައިޓުން އެންމެ އަވަހަށްވެސް 13:50 ކުއްޖާ މާލެ ގެނެވޭނެކަން އެންގުމުން، އެ ފްލައިޓުން ކުއްޖާ ފޮނުވާލުމުގެ މަސައްކަތް ފެށުނުކަމަށް އާސަންދައިން ބުނެއެވެ. އެހެންނަމަވެސް ޕްލޭން ކުރެވުނު ގޮތަށް އިވެކުއޭޝަންގެ ކަންކަން ކުރިއަށްނުގެންދެވުނީ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑައިވަރޓްނުކުރެވުމުންކަމަށް އާސަންދައިން ބުނެއެވެ.

އެހެންކަމުން އަލުން ޗާޓަރޑް ފްލައިޓެއް އިންތިޒާމްކޮށް ކޫއްޑޫ އެއަރޕޯޓުން ބުރާސްފަތި ދުވަހުގެ ހަވީރު 16:35 ގައި ފުރައިގެން ކުއްޖާ މާލެ ގެނެވުނީ އެ ދުވަހުގެ ހަވީރު 17:15 ގައިކަމަށް އާސަންދައިގެ ބަޔާނުގައި ބުނެފައިވެއެވެ.

މިކަން ހިނގާދިޔަގޮތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާފައިވާތީ، މިފަދަ ޙައްސާސް މައްސަލަތަކުގައި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ނުފެތުރުމަށް އާސަންދައިގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.