ޚަބަރު

ބޭސްފަރުވާއަށް މީހުން މާލެ ގެނައުމަށް ރައީސް ހުއްދަދެއްވާކަށް ނުޖެހޭ: ޣައްސާން


  • އެސްއޯޕީތަކުގައި ރައީސްގެ ހުއްދަ ހޯދާކަށް ނޯވޭ

  • އެކަން ކުރަންޖެހެނީ ކަމާ ގުޅުން ހުރި ފަރާތްތައް ގުޅިގެން

  • 93% ބަލި މީހުން އުފުލާފައިވަނީ މޯލްޑިވިއަންގެ ބޯޓުގައި

މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތަކުގެ އެސްއޯޕީގައި ރައީސުލްޖުމްހޫރިއްޔާއަށް އެންގެވުމަށް އަދި ރައީސް ހުއްދަ ދެއްވުމެއް ނޯންނަ ކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ބުރާސްފަތި ދުވަހު ގއ.ވިލިނގިލީ ހޮސްޕިޓަލުގައި އޮތް ކުޑަކުއްޖަކު ހާލު ދެރަވެގެން މާލެ ގެނައުން ލަސްވީ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުއްދަ ނުދެއްވައިގެން ކަމަށް ބުނެ އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

ދިފާޢީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭސްފަރުވާއަށް މީހުން ފަރުވާ ލިބޭ ތަންތަނަށް ގެންދިއުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ލިޔެވިފައިހުރި ސްޓޭންޑާޑް އޮޕަރޭޝަން ޕްރޮސީޖާ (އެސްއޯޕީ)ތަކުގައި އެކަމަށް ރައީސަށް ދެންނެވުމެއް އަދި ހުއްދަދެއްވުމެއް ނޯންނަކަމަށެވެ. އެކަން ކުރަން ޖެހެނީ އެކަމާ ގުޅޭ އިދާރާތްތައް ގުޅިގެންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެމުއްދަތުގައި ބޭސްފަރުވާގެ ބޭނުންތަކަށް މީހުން އުފުލުމުގެ 93 އިންސައްތައަކީ ޤައުމީ އެއަރލައިން މޯލްޑިވިއަން ބޭނުންކޮށްގެން ކޮށްފައިވާ ދަތުރުތައް ކަމަށެވެ.

ސޯޝަލް މީޑިއާގައިވާ ފަތުރާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު އެކުއްޖާ ގެނައުން ލަސްވީ މޯލްޑިވިއަން އެއަރލައިނުން ފުލައިޓު ޗާޓަރުކޮށްގެން އެކަން ހަމަޖެއްސުން ލަސްވުމުގެ ސަބަބުންނެވެ. ނަމަވެސް ހަމަ އެދުވަހު އެކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދިން ކަމަށާއި އެކުއްޖާ މަރުވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް މީޑިއާތަކުގައިވެއެވެ.