ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދާދިނުމާގުޅޭ ގަވާއިދު އެކުލަވާލައިފި


  • މިގަވާއިދުގެ ބޭނުމަކީ ވަޒީފާގެ މާޙައުލުގައި ހަމަހަމަކަން ހޯދާދިނުން

  • މީގެ ދަށުން އެކަށީގެންވާ ވަޒީފާގެ މާޙައުލެއް ފޯރުކޮށްދިނުމަށް ބާރުއަޅާނެ

  • ވަޒީފާދޭ ތަންތަނުގައި 2 ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ތިބެންޖެހޭނެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދާދިނުމާއި، ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދެއް އެކުލަވާލައިފިއެވެ.

މިގަވާއިދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެހެން މީހުންނެކޭވެސް އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުޞަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތައް ހޯދާދިނުމުގެ ޙައްޤު ލިއްބައިދިނުމަށްޓަކާ، އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ޙައްޤު ލިބޭކަން ކަށަވަރުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވާލި ގަވާއިދެއް ކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިގަވާއިދުގެ މަޤުސަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމާއި މަސައްކަތް ކުރުމުގައްޔާއ،ި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތައް ހޯދާދިނުން ހިމެނެއެވެ. އަދި ވަޒީފާ ދިނުމާއި މަސައްކަތުގެ މާޙައުލުގައ،ި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ މީހުންގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެއްވެސް ފަރާތަކުން އެމީހުންނާމެދު ތަފާތުކުރުންތައް ގެންގުޅުން މަނާކުރުމަކީވެސް މި ގަވާއިދުގެ މަޤުސަދެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭ ފަރާތުން، އެ ފަރާތަށް މަސައްކަތްކުރާނެ އެކަށީގެންވާ މާޙައުލެއް ޤާއިމްކޮށްދީ، މަސައްކަތުގެ މާޙައުލުގައި މި ފަރާތްތައް ޝާމިލުކުރާނެ ގޮތްތަކުގެ އުސޫލުތައް ކަނޑައެޅުމަކީވެސް މިގަވާއިދުގެ މަޤުސަދެކެވެ.

މި ގަވާއިދުގެ ދަށުން މަސައްކަތުގެ މާޙައުލުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ތަފާތުކުރުންތައް ނައްތާލާ، އެ ފަރާތްތަކަށް ވަޒީފާ އަދާކުރެވޭނެފަދަ މާޙައުލެއް، ވަޒީފާދޭ ފަރާތުން ފޯރުކޮށްދިނުމަކީ ލާޒިމްކަމެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ އަދާކުރުމުގައްޔާއި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ލިބިދިނުމުގައްޔާއި، މަޤާމުގެ ކުރިއެރުން ދިނުމުގައްޔާއި، ޢިނާޔަތްތައް ދިނުމުގައި އެހެން މުވައްޒަފުންނެކޭވެސް އެއްފަދައިން ހަމަހަމަކަން ހިފަހައްޓަންޖެހޭނެއެވެ. މިގަވާޢިދުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ތަންތަނުގައި މަދުވެގެން 2 ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ތިބެންވާނެއެވެ.

މިގަވާއިދު ތަންފީޒުކުރާ ވުޒާރާކަމަށްވާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށްވެސް ގަވާއިދުގެ ދަށުން ކަންތައްތަކެއް މަތިކޮށްފައިވެއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލުމުގައި މަޢުލޫމާތު އާންމުކުރުމުގެ މިންގަނޑު އެކުލަވާލުމާއި، ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑެއް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކުލަވާލަން ޖެހެއެވެ. އަދި "ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން" ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަންކަން ވިލަރެސްކޮށްދޭ ފަރާތްތައް ތަމްރީނުކުރުމާއި، "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީއެއް އެކުލަވާލުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދަފްތަރުކުރުމަކީވެސް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ގެޒެޓުގައި ގަވާއިދު ޝާއިޢުކުރާތާ 1 މަސް ފަހުންނެވެ.