ޚަބަރު

17،000 މައްސަލައިން އަޑުއެހުމަކަށް ނުގޮސް ނިންމުނީ %62 މައްސަލަ: އުއްތަމަ ފަނޑިޔާރު


  • 2015-2021 އަށް 17،101 މައްސަލާގައި މީޑިއޭޝަން ބޭނުންކޮށްފައިވޭ

  • އޭގެ ތެރެއިން ގާތްގަނޑަކަށް %62 މައްސަލަ މީޑިއޭޝަންގެ ޒަރިއްޔާއިންވަނީ ހައްލުވެފައި

  • ފަނޑިޔާރުންގެ މަހާސިންތާ 2024 ފައްޓަވާދެއްވީ ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު

މީޑިއޭޝަންގެ ސަބަބުން އަޑުއެހުމަކަށް ނުގޮސް، މައްސަލަތައް ނިންމުމުގައި އަވަސްވެ، ފަސޭހައިން ނަތީޖާ ނެރެވޭކަމަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

މީޑިއޭޝަނަކީ، ކޯޓު އަޑުއެހުމަކަށް ނުގޮސް ހައްލުކުރެވެންހުރި މައްސަލަތައް، މައްސަލަ ޖެހޭ ދެމީހުންގެ މެދުގައި ވާހަކަދައްކާއިގެން، ހައްލަކާއި ހިސާބަށް ދިޔުމެވެ.

ފަނޑިޔާރުންގެ މަހާސިންތާ 2024 ފެށުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގައި މީޑިއޭޝަންގެ ނިޒާމު ކޯޓުތަކުގައި ބޭނުންކުރަން ފަށާފައިވަނީ 2000ގެ ކުރީގެ އަހަރުތަކުގައި ކަމަށެވެ. އެގޮތުން، ޢާއިލީ މައްސަލަތައް ހައްލުކުރުމަށް ސިވިލް ކޯޓުގައި މީޑިއޭޝަން ބޭނުންކުރައްވާފައިވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގައި މީޑިއޭޝަން ފުޅާވެ ބޭނުންކުރަން ފެށިފަހުން، 2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް ސިވިލް ކޯޓަށް ހުށަހެޅުނު 22،987 މައްސަލާއިގެ ތެރެއިން 17،101 މައްސަލަތަކުގެ އަޑުއެހުމަކަށް ދިޔުމުގެ ކުރިން މީޑިއޭޝަން ބޭނުންކޮށްފައިވާކަމަށެވެ. އަދި މި މައްސަލަތަކުގެ ތެރެއިން އަޑުއެހުމަކަށް ނުގޮސް، ހަމައެކަނި މީޑިއޭޝަނުން ނިމިފައިވަނީ ގާތްގަނޑަކަށް 62 އިންސައްތަ މައްސަލަކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް ސިވިލް ކޯޓަށް ހުށަހެޅުނު 22،987 މައްސަލާއިގެ ތެރެއިން 17،101 މައްސަލަތަކުގައި މީޑިއޭޝަން ބޭނުންކޮށްފައިވޭ. އަދި މީގެ ތެރެއިން ގާތްގަނޑަކަށް 62 އިންސައްތަ މައްސަލަ ނިންމާފައިވަނީ އަޑުއެހުމަކާއި ނުލައި. މި ތަފާސްހިސާބުތަކުން މީޑިއޭޝަންގެ މުހިންމުކަން އަޅުގަނޑުމެންނަށް ދޭހަވޭ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އުބައިދުލް ޙަސަންނެވެ. ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު ރާއްޖެ ވަޑައިގަތީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ދަޢުވަތަކަށެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން، ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އުބައިދުލް ޙަސަން ވިދާޅުވީ 1978 ވަނަ އަހަރު ބަންގްލަދޭޝް އާއި ރާއްޖެއާއިދެމެދު ސިޔާސީ ގޮތުން ގުޅުން ޤާއިމްކުރިފަހުން، ދެ ޤައުމުގެ ދެމެދުގައި އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮންނަ ކަމަށެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އުބައިދުލް ޙަސަން ވިދާޅުވީ ޝަރުޢީ ދާއިރާގައި މިފަހުން ރާއްޖެއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން، މަދަނީ އިޖުރައަތުތަކާއި، ކުޑަކުދިން ރައްކާތެރިކުރުމާއި، ހެއްކާބެހޭ ޤާނޫނުތައް ރާއްޖޭގައި އެކުލަވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެއިން ވަނީ މިފަހަކުން މުހިންމު ބައެއް ޤާނޫނުތަކަށް ޢަމަލު ކުރަން ފަށާފައި. އޭގެ ތެރޭގައި. މަދަނީ އިޖުރައަތުތަކާއި، ކުޑަކުދިން ރައްކާތެރިކުރުމާއި، ހެއްކާބެހޭ ޤާނޫނުތައް ހިމެނޭ." ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަހާސިންތާއަކީ ފަނޑިޔާރުންނަށް ދިމާވާ އެކި ކަންކަމާއިމެދު ބަހުސްކޮށް، ކުރިއަށްއޮތް އަހަރު، މި މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެކެވެ. ސުޕްރީމް ކޯޓުން ވިދާޅުވާގޮތުގައި މިއަހަރުގެ މަހާސިންތާގައި މައިގަނޑު ތިން ބަޔަކަށް ފަނޑިޔާރުން މަޝްވަރާ ކުރައްވާނެއެވެ. އެގޮތުން މީޑިއޭޝަނާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުތަކާއި، ހެއްކާބެހޭ ޤާނޫނުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.