ޚަބަރު

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ


  • 2022ވަނަ އަހަރު ލިބިފައިވަނީ 92.6 މިލިއަން ރުފިޔާ

  • މިދިޔަ އަހަރު އެންމެ ގިނައިން ޒަކާތް ދައްކާފައިވަނީ އޭޕްރިލް މަހު

  • ޑިސެމްބަރުމަހުގެ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަ ދަށް

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކަީ 2022ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ 92.6 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 3 އިންސައްތަ ދަށް ޢަދަދެކެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ އޭޕްރިލް މަހުއެވެ. އެމަހު 22.3 މިލިޔަން ރުފިޔާ ދައްކާފައިވެއެވެ.

މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެގޮތުގައި ލިބުނު ޖުމްލަ ޢަދަދު ދަށްވެފައިވާއިރު، އެ އަހަރުގެ ޑިސެމްބަރުމަހުގެ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޢަދަދު ދެގުނަ ދަށެވެ. އެގޮތުން 2022ވަނަ އަހަރުގެ ޑިސެމްބަރުމަހު މުދަލު ޒަކާތުގެގޮތުގައި 11.0 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މި ޢަދަދު މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ހުރީ 5.7 މިލިއަން ރުފިޔާގައެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ޢަދަދަކީ 7151.90 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.