ޚަބަރު

އަންހެނުންނަށް ޚާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ފަށަނީ


  • ހަފްތާ 14 މަގުޗާޓު"ގައި ހިމެނޭ ހިޔަލަ ވީކެންޑް މާކެޓް މިހާރު ވަނީ ފަށާފައި

  • މިއީ އަންހެން ވިޔަފާރިތައް ކުރިއެރުވުމަށް ކުރިއަށްގެންދާ މާކެޓެއް

  • މިފަހަރުގެ މާކެޓްގައި 13 ވިޔަފާރިއަކުން ވަނީ ބައިވެރިވެފައި

އަންހެނުންނަށް ޚާއްސަކޮށްގެން ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ވަރަށް އަވަހަށް ދޫކުރަން ފަށާނެކަމަށާއި، ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ލޯނެއް ވަރަށް އަވަހަށް ތަޢާރަފްކުރާނެކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ "ހަފްތާ 14 މަގުޗާޓު"ގައި ހިމެނޭ ހިޔަލަ ވީކެންޑް މާކެޓް ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"ހިޔަލަ ވީކެންޑް މާކެޓް" އަކީ ސަރުކާރުގެ "ހަފްތާ 14 މަގުޗާޓު"ގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރެއިން ކަނބަލުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ސަރަޙައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރިކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޤާއިމްކުރާ މާކެޓެކެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މާކެޓް، ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށް ދާނެއެވެ. މި މާކެޓުގައި ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.

ހިޔަލަ ވީކެންޑް މާކެޓް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މި މާކެޓާއެކު އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ ފުރުޞަތު އިތުރަށް ފަހިވެގެންދާނެކަމަށެވެ. އަދި މިއީ އެއްތަނަކުން އެތައް އަންހެން ވިޔަފާރިވެރިންނެއް ބައްދަލުވެ އެއް އަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތްކޮށް އެ ވިޔަފާރިތަކަށް ލިބިގެންދާ ކުރިއެރުމެއްކަމަށެވެ.

މި މާކެޓްގެ ސަބަބުން ތަނަވަސްވެގެން މިދިޔައީ ދިވެހި އަންހެނުންގެ އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިތުރު މަގެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް މި ސަރުކާރުން ވެވަޑައިގެންނެވި 2 ވައުދެއް ވަރަށް އަވަހަށް ފުއްދިގެންދާނެކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު 2 ވައުދެއް ވަރަށް އަވަހަށް ފުއްދަވާދެއްވާނެކަމުގެ ޔަޤީންކަން އަރުވަން. މިގޮތުން އަންހެނުންނަށް ޚާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ. ހަމަ އެއާއެކު ކުދި ވިޔަފާރިތަކަށް ޚާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ލޯނެއް ވަރަށް އަވަހަށް ތައާރަފްކުރެވިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި މާކެޓް ކުރިއަށްދަނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގައެވެ. މި މާކެޓް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު، މި ދެ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށެވެ.

"ހިޔަލަ ވީކެންޑް މާކެޓް"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި މާކެޓުގައި ބައިވެރިވާން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ބީސީސީން މިކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް، ވެއިޓްލިސްޓް ކުރެވޭނެއެވެ.

"ހިޔަލަ ވީކެންޑް މާކެޓް"ގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމުގައި، އެޗް.ޑީ.ސީ، އާރު.ޑީ.ސީ، އެސް.ޑީ.އެފް.ސީ އަދި އެމް.އޭ.ސީ.އެލްއިން ބޮޑު އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.