ޚަބަރު

ފެން ފައިބާ މައްސަލަ ހައްލުކުރަން އިސްލާމީ މަރުކަޒުގެ ފުރާޅުގެ ޓިނުތައް ބަދަލުކުރަނީ


  • ޓިނުތައް ބަދަލުކުރަން 2 މިލިއަން ރުފިޔާ ހަރަދުވާނެ

އިސްލާމީ މަރުކަޒުގެ ހުރިހާ ޓިނެއް ހަލާކުވެފައި ހުރުމުގެ ސަބަބުން، ޓިނުތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފުރާޅުގެ ޓިނުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ވިއްސާރަ ދުވަސްވަރު މަރުކަޒު ތެރެއަށް ފެން ފައިބާކަމަށެވެ. އަދި އެކަން ހައްލުކުރަން މަރުކަޒު ތެރޭގައި ބާލިދީ ބަހައްޓަން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒަށް ބޭނުންވާ ޓިނު ލިބެނީ ރާއްޖެއިން ބޭރުން ކަމަށާއި ޓިނުތައް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް 2 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށެވެ.

އިސްލާމީ މަރުކަޒުގެ ގޯތިތެރެއާއި މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް 2022 ވަނަ އަހަރުވެސް ކުރިއަށް ގެންދިޔައެވެ. އެގޮތުން އިސްލާމީ މަރުޒަކުގެ ގޯތިތެރޭގައި ހަލާކުވެފައިވާ މާބުލްތައް ނަގައި، އައު މާބުލްޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި މަރުކަޒުގެ ގުއްބާއި މުންނާރު އައު ކުރުމުގެ މަސައްކަތާއި މިސްކިތުގެ އެކި ތަންތަނުގައި ހަރުކޮށްފައިވާ ކެލިގްރަފީ ބޯޑުތައް މަރާމާތުކޮށް، އާކުރުމުގެ އިތުރުން އިސްލާމީ މަރުކަޒުގެ ސައުންޑް ސިސްޓަމް ބަދަލުކޮށްފައިވެއެވެ. ނަމަވެސް އޭރު ޓިނުތައް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައެއް ނުވެއެވެ.