ޚަބަރު

ޤައުމެއްގެ ޖަމާޢީ ސިކުނޑި ބައްޓަންކުރުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރޭ: މިނިސްޓަރ


  • ވަޒީރު މިހެން ވިދާޅުވީ މާޅޮހުގައި ބޭއްވި ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި

  • ވަޒީރު ވިދާޅުވީ ޤައުމެއްގެ ޖަމާޢީ ޝަޚްޞިއްޔަތަކީ އެހެން ޤައުމުތަކާ ތަފާތުކޮށްދޭ ސިފަތައްކަމަށް

  • މި ޖަލްސާގައި ވަނީ "ޅެންވެރިޔާ 2024" މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފައި

ޤައުމެއްގެ ޖަމާޢީ ސިކުނޑި ބައްޓަން ކުރުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އއ. މާޅޮހުގައި ދިވެހި އަދަބީ ޖަމްޢިއްޔާ ލިޔުންތެރިންގެ ގުޅުމާއި އެރަށު ކައުންސިލް ގުޅިގެން މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ އޮތީ ރޭ އއ. މާޅޮހު ފުޓުބޯޅަ ސްޓޭޑިއަމްގައެވެ.

މި ޖަލްސާގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވީ އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން އެރުވި ދަޢުވަތެއްގައެވެ. އެ ޖަލްސާގައި ލިޔުންތެރިންގެ ގުޅުމުގެ ރައީސް ނޢޢވ އޮނަރަބަލް ޢައްބާސް އިބްރާހީމާއި އެ ޖަމްޢިއްޔާގެ މެންބަރުންގެ އިތުރުން ދިވެހިބަހުގެ އެކެޑަމީ ގެ ނާއިބު ރައީސާއި ދަޢުވަތު އެރުވިގެން ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އަދި މާޅޮހުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި މަދަރުސާ ކުދިން ޖަލްސާއަށް ހާޒިރުވެފައިވެއެވެ.

ޖަލްސާގައި ވަޒީރު ދެއްކެވި ވާހަަކަފުޅުގައި ވިދާޅުވީ ޤައުމަކީ އެއްބަހަކާއި އެއް އާދަކާދަތަކެއް ހިއްސާކުރާ ޖަމާޢަތެއް ކަމަށާއި، އަދި ޤައުމެއްގެ ޖަމާޢީ ޝަޚްޞިއްޔަތަކީ އެހެން ޤައުމުތަކާ ތަފާތުކޮށްދޭ ސިފަތައް ކަމަށް ކަމަށެވެ. އަދި ޤައުމެއްގެ ޖަމާޢީ ސިކުނޑި ބައްޓަން ކުރުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ދިވެހި އަދަބިއްޔާތާއި އެހެނިހެން ބަސްބަހުގެ އަދަބިއްޔާތުގައި ޅެމަށް ދެވިފައިވާ މަޤާމުގެ މައްޗަށް ދިރާސީ ނަޒަރަކުން އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ޖަލްސާގައި ވަޒީރުގެ އިތުރުން ލިޔުންތެރިންގެ ގުޅުމުގެ ރައީސް ނޢޢވ އޮނަރަބަލް ޢައްބާސް އިބްރާހިމްވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ރާވައި ހިންގާ އަދަބީ ކަންކަމަށް އަލިއަޅުއްވާލައްވައިފައިވެއެވެ.

ރޭގެ ޖަލްސާގައި ވަނީ ލިޔުންތެރިންގެ ގުޅުމުގެ "ޅެންވެރިޔާ 2024" މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފައެވެ. އެފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

ލިޔުންތެރިންގެ ގުޅުމުން އިންތިޒާމުކުރި މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާ ޚާއްޞަ ކޮށްފައިވަނީ ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، އަދިވަކިން ޚާއްޞަކޮށް ޅެންވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޝާޢިރެއްކަމުގައިވާ އަލްމަރްޙޫމް މުޙައްމަދު ނަޞީރަށެވެ. އަލްމަރްޙޫމް މުޙައްމަދު ނަޞީރަކީ އއ. މާޅޮހަށް ނިސްބަތްވެވެޑައިގަންނަވާ ބޭފުޅެކެވެ.

މި ޖަލްސާގައި ވަޒީރު ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ތައްޔާރުކޮށްފައިވާ މުޙައްމަދު ނަޞީރުގެ ޅެން ފޮތްވެސް ނެރެދެއްވާފައެވެ.