ކުޅިވަރު

ޓެންޒަނިއާ ބަލިކޮށް މޮރޮކޯއަށް ވަރުގަދަ ފެށުމެއް


އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް މި ފަހަރު ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މޮރޮކޯއިން ވަރުގަދަ ފެށުމަކުން މުބާރާތް ފަށައިފިއެވެ.

އައިވަރީ ކޯސްޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު މެޗުން މޮރޮކޯ މޮޅުވީ ޓެންޒަނިއާ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މޮރޮކޯއިން ޑޮމިނޭޓުކޮށްގެން ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައި ރޮމައިން ސައީސް ޖެހި ލަނޑުންނެވެ. މިއީ މޮރޮކޯގެ ހަކީމް ޒިޔެޗް ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް، ޓެންޒަނިއާގެ ގޯލްކީޕަރު އައިޝީ މަނޫލާ އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅައަކުން ސައީސް ޖެހި ލަނޑެކެވެ.

މި މެޗުގައި މޮރޮކޯއިން ފަހު ދެ ލަނޑު ކާމިޔާބުކުރީ ފަހު 15 މިނިޓުގެ ތެރޭގައެވެ. އޭގެ ކުރިން މެޗުގެ 70 ވަނަ މިނެޓުގައި ޓެންޒަނިއާގެ ނޮވަޓުސް މިރޯޝީއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު މެޗުގެ 77 ވަނަ މިނެޓުގައި އައްޒެދީން އޫނާހީ ވަނީ މޮރޮކޯއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ދެ މިނިޓު ފަހުން އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔޫސެފް އެން-ނެސީރީ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު މޮރޮކޯއިން މުބާރާތުގެ ފެށުން ރަނގަޅުކުރިއިރު، އެ ޓީމުން އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައިވަނީ 1976 ވަނަ އަހަރެވެ. މި މުބާރާތުގައި ރޭ ކޮންގޯ އާއި ޒެމްބިއާ ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.