އަންނަ މަރޗްމަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކުށުގެ ރެކޯޑު 24 ގަޑިއިރުުތެރޭ ސާފުކޮށްދޭނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑު ފޯމު ހިމެނެއެވެ. އެހެންކަމުން ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ އަންގަވާފައެވެ. 
ޕީޖީ އޮފީހުން ވިދާޅުވީ ކުށުގެ ރެކޯޑެއް ނެތް މީހެއްނަމަ، ރެކޯޑަށް އެދޭތާ 5 މިނެޓު ތެރޭގައި ރެކޯޑު ސާފު ކޮށްދެވޭނެ ކަމަށެވެ. އަދި ކުށުގެ ރެކޯޑެއް އޮތްނަމަ، 24 ގަޑިއިރު ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދެވޭނެ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
ކުށުގެ ރެކޯޑު ސާފުކުރުމުގެ ކަންކަން ކުރިއަށްދާއިރު، އިތުރު މައްސަލައެއް ދިމާވެއްޖެނަމަ، އެ މައްސަލައެއް ހައްލުކޮށްގެން ކުރިއަށް ގެންދާނެކަމަށާއި މިކަމާ ބެހޭ އިތުރު ސުވާލެއް އޮތްނަމަ ޕީޖީ އޮފީހަށް ގުޅުއްވުމަށް އެއޮފީހުންވަނީ އެދިވަޑައިގެންފައެވެ. 
އިލެކްޝަންސް ކޮމިޝަނުންވަނީ ކެންޑިޑޭޓުންނަށް ފަސޭހަކުރުމުގެ ގޮތުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު އިލެކްޝަންސް ކޮމިޝަނުން މިހާރު ބަލައިގަންނަމުންދާ ކަމަށް ހާމަކުރައްވާފައެވެ. އަދި މިއިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން އައު ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭ ކަމަށާއި މިކަމާގުޅޭ ފޯމް މިމަހުގެ 30 ގެ ފަހުން ބަލައިގަންނާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. 
މިއަހަރުގެ މަޖިލިސް އިންތިޚާބު 17 މާޗުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމަވާފައެވެ. 
މަޖިލިސް އިންތިޚާބުގައި ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ޕްރައިމަރީ ބޭއްވުމަށް އެޕާޓީތަކުން އަންނަނީ ތައްޔާރުވަމުންނެވެ.