ޚަބަރު

ހަވީރުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުން ބަދަލުކުރާކަށް ނުޖެހޭ


ހަވީރު ނޫހުގެ މިލްކުވެރިކަމާމެދު ހައިކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ.

ސުޕްރީމްކޯޓުން މިގޮތަށް ނިންމަވާފައިވަނީ ހައިކޯޓުގެ ހުކުމާއި މެދު ހިތްހަމަޖެހިވަޑައިނުގެން ހަވީރު ނޫހުގެ ޗެއަރމަން ޑރ. މުޙައްމަދު ޒާހިރު ޙުސެއިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވުމުންނެވެ.

ހަވީރު ނޫހުގެ މިލްކުވެރިކަމާމެދު ހައިކޯޓުން އިއްވެވި ހުކުމްގައިވަނީ ހަވީރު ނޫހުގެ ޙިއްޞާދާރުންގެ ގޮތުގައި ޑރ. މުޙައްމަދު ޒާހިރު ޙުސެއިނާއި އެކު އިބްރާހިމް ރަޝީދު މޫސާއާއި ޢަބްދުﷲ ފާރޫގް ޙަސަން ހިމެނިވަޑައިގަންނަވާކަމަށެވެ. މިގޮތުން އެ ދެބޭފުޅުންގެ ފަންސާސް އިންސައްތަ ޙިއްޞާ އޮތްކަމަށް ހައިކޯޓްގެ  ހުކުމްގައިވެއެވެ. ޒާހިރު ހުސެއިންގެ ފަރާތުން އިސްތިއުނާފަށް ހުށައަޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމްކޯޓުން ވަނީ ނިންމަވާފައެވެ.

ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ވަނީ ހައިކޯޓުގެ ޙުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭނެ އެއްވެސް އަސާސެއް އޮތްކަމަށް ނުބެލެވޭކަމަށެވެ. އަދި ހައިކޯޓުން މިމައްސަލައިގައި ކޮށްފައިވާ ޙުކުމަކީ ޞައްޙަ ޙުކުމެއް ކަމުން، އެޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް އޮތްކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލު ނުކުރެއްވޭކަމަށް ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމުގައިވެއެވެ.

ހައިކޯޓްގެ ހުކުމް ތަންފީޒުކޮށްދެއްވުން އެދި ސިވިލް ކޯޓަށް ހުށައެޅުއްވުމުން އެކޯޓުންވަނީ އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަންގެ ބައިވެރި ވުމެއް ނެތި ހަވީރާއި ހަވީރު ނޫސް އެޖެންސީ އަދި ހަވީރުގެ ނަން ބޭނުންކުރެވޭ ގޮތަށް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ބޭނުންކުރާ ވަސީލަތްތައް ނުހިންގެވުމަށް އަންގާ އަމުރު ނެރުއްވާފައެވެ.   

ރާއްޖޭގެ އެންމެ ދުވަސްވީނޫސް އެޖެންސީ ހަވީރުގެ އޮޕަރޭޝަންތައް ހުއްޓިފައިވާ މައްސަލަ ޙައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ޕީ.އެސް.އެމަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ހަވީރު ނޫސް ހިންގަންޖެހޭކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށާއި، ސިވިލްކޯޓުގެ އަމުރާ ތަޢާރަޒް ނުވާގޮތުގެ މަތިން އެނޫސް އަލުން ފެއްޓެވުމަށް ސަރުކާރުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބަންޑާރަ ނައިބާވެސް މަޝްވަރާ ކުރައްވައިފައިވާކަމަށެވެ.

މިމައްސަލައިގައި ހަވީރުގައި ޙިއްޞާއެއްވާކަމަށް ކޯޓުން ކަނޑައަޅުއްވައިފައިވާ ފަރާތްތަކުން ވަނީ ހުރިހާ ޙިއްޞާދާރުން ގުޅިގެން ހަވީރުގެ އޮޕަރޭޝަންތައް އަލުން ފެއްޓެވުމަށް ގޮވާލައްވައިފައެވެ.