ޚަބަރު

ޤައުމީ ޤުރުއާން މުބާރާތް ބާއްވާ ތާރީޚް ފަސްކޮށްފި


  • ކުރިން މުބާރާތް ބާއްވަން އޮތީ އަންނަ މަހުގެ 23 ވަނަ ދުވަހު

  • މުބާރާތް ފަސްކުރީ 10އެއްގެ ދަރިވަރުންގެ މޮކް އިމްތިހާނާ ދިމާވާތީ

  • ބައިވެރިވުމުގެ ފުރުޞަތުވަނީ މިމަހު 22އާ ހަމައަށް އިތުރުކޮށްފައި

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ބާއްވާ ތާރީޚް ފަސްކޮށްފިއެވެ.

މިމުބާރާތް ބާއްވާގޮތަށް ކުރިން ހަމަޖައްސާފައި އޮތީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ. ޤުރުއާން ކިޔެވުމުގެ މުބާރާތް ބާއްވާ ތާރީޚް ފަސްކުރީ ކުރިން އޮތް ތާރީޚާއި ގްރޭޑް 10ގެ ދަރިވަރުންގެ މޮކް އިމްތިހާނާ ދިމާވާތީ، އެ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އަދި މުބާރާތް އަލުން ބޭއްވުމަށް ނިންމާފައިވަނީ މޮކް އެގްޒާމް ނިމުމުންކަމަށާއި މުބާރާތް ބާއްވާނެ ތާރީޚެއް އިޢުލާން ކުރާނެކަމަށް އެމަރުކަޒުން ވިދާޅުވެއެވެ.

މުބާރާތް ބާއްވާ ދުވަސް ލަސްކުރުމާއެކު މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ މިމަހު 22 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ. ކުރިން އޮތީ މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މުބާރާތުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ޕޯޓަލް ލިންކު، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ވަނީ ހިއްސާކޮށްފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސުކޫލުތަކުގެ ދަރިވަރުންނާއި، ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، އިންސްޓިޓިއުޓް ނުވަތަ މަރުކަޒުތަކާއި، ޤުރްއާން ކުލާސްތަކާއި، ޙާފިޡުންގެ އިތުރުން ދީނީ ގޮތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްކުރާ ކްލަބު ޖަމްޢިއްޔާތަކަށެވެ.

ސްކޫލް ކުދިންގެ ބައިން ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނަށް ކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އަތޮޅު މުބާރާތުން ޤައުމީ މުބާރާތަށް ބައިވެރިން ހޮވަނީ އަތޮޅު ކައުންސިލުންނެވެ.

މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި އޮންނާނެއެވެ. މިމުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުންވެސް މިވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމް ދެއްވާނެއެވެ.