ފަންނިއްޔަތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސަރުކާރުން ކަނޑައަޅާފައިވާ ޢަމާޒު ހާސިލްވެއްޖެނަމަ، ރާއްޖެއަކީވެސް މިސަރަޙައްދުގައި އައިޓީ ހަބެއްގެ ގޮތުގައި ތަރައްޤީކުރެވޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ފަންނިއްޔަތުގެ ދާއިރާއިން އަންހެނުން ބިނާކުރުމާއި، ކޯޑިންގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް ފަށާ ޕްރޮގްރާމްގާއި ގުޅޭގޮތުން ކަމާގުޅުންހުރި ދާއިރާތަކުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
މިޕްރޮގްރާމްގެ މަޤްޞަދަކީ ރާއްޖެއަށް މުހިންމު ދާއިރާތަކުން ދިވެހިން ބިނާކުރުމެވެ. ވަޒީރު ވިދާޅުވީ މިޕްރޮގްރާމްގައި އެކި ލެވަލްތަކުގައި ތަޢުލީމު ޙާސިލްކޮށް ތަމްރީންވުމުގެ 500 ފުރުޞަތު، 5 އަހަރުތެރޭ ހުޅުވާލުމަށް ނިންމަވާފައިވާކަމަށެވެ. މިކަމުގައި ވުޒާރާއާއެކު އިސްކޮށް މަސައްކަތްކުރައްވަނީ ވުމަން އިން ޓެކް އަދި ސްޕަރކް ހަބްގެ ފަރާތުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި އައިޓީ ދާއިރާގެ ވަރަށް ގިނަ ފުރުޞަތުތައް އެބަހުރިކަމަށެވެ. އަދި ކުރިމަގުގައި ރާއްޖެ ތަރައްޤީވެގެން އަންނައިރު އައު އީޖާދީ ވިސްނުންތެރިން ބޭނުންވާކަމަށެވެ. ވަޒީރު ވިދާޅުވީ މިދާއިރާގައި ގިނަ ބަޔަކު ރާއްޖެ ދޫކޮށް ދާން ދިމާވާ އެއް ސަބަބަކީ، އެމީހުންގެ ހުނަރު ދައްކާލުމަށް އެކަށީގެންވާ ފުރުޞަތު ނުލިބުމާއި އެމަސައްކަތަށް އެކަށޭނަ އުޖޫރައެއް ނުލިބުންކަމަށެވެ. ސަރުކާރުން ފަށާ މިޕްރޮގްރާމަކީ ދުރުރާސްތާގައި ރާއްޖޭގެ އައިޓީ ދާއިރާއިން ބޮޑު ބަދަލެއް ފެންނާނެ މަސައްކަތެއް ކަމަށް ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވިއެވެ.
"މީހުން ބިނާކުރުމުގެ މިޕްރޮގްރާމަކީ ސިލްސިލާ ޕްރޮގްރާމެއް. ވޯކިން ސެޝަންތަކާއި ހެކަތޯނެއްވެސް މިމަހު ލޯންޗްކުރާނަން. ހެކަތޯން އޮންނާނީ އަންނަ މަހު. ރަނގަޅު މަސައްކަތެއް ކުރެވިއްޖެނަމަ، އައިޓީގެ ވަރުގަދަ ސިކުނޑިތައް ރާއްޖޭގައި ހިފެހެއްޓޭނެ." ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވިއެވެ.
މިޕްރޮގްރާމްގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި، އެޑްވާންސާއި ޑިޕްލޮމާ އަދި ބެޗެލަރސް ޑިގްރީ ފެންވަރަށް ޒުވާނުންނާއި އަންހެނުން ތަމްރީންކުރާނެއެވެ.
"އައިޓީއާއި ފަންނިއްޔަތުގެ ދާއިރާއިން 5 އަހަރުތެރޭ 500 މީހުން ތަމްރީންކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް. މި ދައްކަނީ އަހަރަކު 100 މީހުންގެ ވާހަކަ. މިއީ ހާސިލް ނުކުރެވޭނެ ޢަމާޒެއް ނޫން." ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފުރުޞަތަކީ ހަމައެކަނި ސަރުކާރު އޮފީސްތަކަށް މީހުން ހޯދުމަށް ކުރާ މަސައްކަތެއް ނޫންކަމަށެވެ. މީގެއިތުރުން އަމިއްލަ ވިޔަފާރިތަކާއި ފްރީލާންސްކޮށް މަސައްކަތްކުރަން ބޭނުންވާ ޒުވާނުންނަށްވެސް ކުރިއެރުމަށް ފުރުޞަތު ފަހިކޮށްދެއްވާނެކަމަށެވެ.
އައިޓީއާއި ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުންނާއި އަންހެނުން ބިނާކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުގެ ހަފްތާ 14ގައިވަނީ ހިމަނުއްވާފައެވެ.