ޚަބަރު

ސަރުކާރުގެ ވިސްނުމަކީ ހުރިހާ ޖަލުތައް އެއްކޮށްލައްވައި ސެންޓްރަލް މައި ޖަލެއް ހެއްދެވުން


  • ސެންޓްރަލް ޖަލު ތަރައްޤީކުރުމުގެ ސްޓަޑީ ދަނީ ކުރިއަށް

  • ވަޒީރު ވިދާޅުވީ ޖަލު ތަރައްޤީކުރާނީ މާލެ ސަރަޙައްދުގައިކަމަށް

  • އެންމެ އިސްކަމެއް ދޭނީ ރިހެބިލިޓޭޝަން ފަރުވާ ފުޅާކުރުމަށް

ރާއްޖޭގެ ޖަލުތައް އެއްކޮށްލާ ސެންޓްރަލް މައި 1 ޖަލު ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙުސާނު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު އިޙުސާނު ވިދާޅުވީ، ގައިދީން ބެލެހެއްޓުުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭނެ ކަންކަމުގެ ދިރާސީ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިނގަމުން އަންނަ ޖަލުތައް އެއްކޮށްލާ، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުންކަމަށެވެ.

މިވަގުތު ހުޅުމާލެ، ދޫނިދޫ އަދި މި ސަރަޙައްދުން ހިންމަފުއްޓާއި މާފުށީގައިވެސް އަންނަނީ ޖަލު ހިންގަމުންނެވެ. މިތަންތަނުގައި ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑަށް ކުރިމަތިވެއެވެ.

ވަޒީރު ވިދާޅުވީ ޖަލުތައް ހިންގުމުގެ ނިޒާމު މިހާރު އޮތްގޮތުން އެކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި، އެކަށީގެންވާ ޚިދުމަތެއް ދިނުމަށްވެސް ހުރަހަކަށްވާކަމަށެވެ. މިވަގުތު ޖަލުތަކުގައި ގައިދީއެއްގެ ބޮލަކަށް މަހަކު 21000 އާއި 30000އާ ދެމެދުގެ އަދަދެއް ޚަރަދުވާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި މައްސަލަތައް ޙައްލުކޮށް، ރިހެބިލިޓޭޝަން ޚިދުމަތްތަކާއެކު ޖަލުތައް ހިންގޭނެ އެންމެ އެކަށީގެންވާ ގޮތެއްގެ ގޮތުގައި ސަރުކާރުން ދެކެނީ، ސެންޓްރަލް މައި ޖަލެއް ޤާއިމުކޮށް ޚިދުމަތް ދިނުން ކަމަށް ޢަލީ އިޙުސާނުު ވިދާޅުވިއެވެ.

މިގޮތަށް ޖަލެއް ހެދިނަމަވެސް، އެކި ކަހަލަ ކުށްތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުންދާނެ ކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވިއެވެ.

"އެއް ސަރަޙައްދެއްގައި ސެންޓްރަލް 1 ޖަލުން ޚިދުމަތް ދިނުން ވިސްނުމަކީ. ސްޓަޑީތައް ހަދަމުން މިދަނީ. ސެކިއުރިޓީގެގޮތުން ވަކިކުރާ ގައިދީން، އަންހެން ފިރިހެން ގައިދީން ވަކިކުރުން، އެކިކަހަލަ ކުށްތަކަށް ބަލާ ގައިދީން ވަކިކުރުންފަދަ ހުރިހާ ކަމަކަށް ބަލާނަން." ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޖަލު ވެގެންދާނީ ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިޓޭޝަން ފަރުވާ ގައިދީންނަށް ދެވޭނެގޮތަށް ފަރުމާކުރާ ތަނަކަށްކަމަށެވެ.

ވަޒީރު ވިދާޅުވީ ގިނަ ޖަލުތަކަކަށް ޚިދުމަތް ދޭންޖެހުމުގެ ސަބަބުން ރިހެބިލިޓޭޝަނަށް ބޭނުންވާ މުވައްޒަފުން އެކަށީގެންވާ މިންވަރަށް ނުތިބޭކަމަށެވެ. މި މަސައްކަތުގެ ޢަމާޒަކަށްވަނީ ޖަލުން ނިކުންނަ ކޮންމެ މީހަކީވެސް އެކަށީގެންވާ ފަރުވާގެ ނިޒާމުގެ ތެރެއިން މުޖުތަމަޢަށް ނިކުންނަ މީހެއްކަން ކަށަވަރުކުރުން ކަމަށް އިޙުސާން ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ މިވަގުތު ބަލަމުންދަނީ ޖަލު އެޅުމަށް ހިނގާނެ ޚަރަދާއި، އެކަން ކުރާނެގޮތާއި އޭގެ ސަބަބުން ނިކުންނާނެ ނަތީޖާތަކާގުޅޭ ސްޓަޑީގެ މަސައްކަތްކަމަށެވެ. މިޖަލު ތަރައްޤީކުރާނީ މާލެ ސަރަޙައްދުގައިކަމަށާއި ނަމަވެސް ކޮންތަނެއްކަން އިނގޭނީ ދިރާސާއަށްފަހު ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މާލެއާ ޖަލު ދުރެއް ނުކުރެވޭނެ. ބޮޑު އާބާދީއެއް އޮތީ މިތާ. އަދި ސިއްޙީ ފަރުވާއާއި ކޯޓުގެ ބޭނުންތަކަށްވެސް ގައިދީން މާލެ ގެންނަޖެހޭ. މާލެއާ ދުރުކޮށްފިނަމަ އަނެއްކާވެސް ޚިދުމަތަށް ދަތިވާނެ." ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ކުށް މަދު މުޖުތަމަޢެއް ބިނާކުރުންކަމަށެވެ. އެމަގުން ގިނަ މުހިންމު މަސައްކަތެއް މި ދައުރުގައި ކުރައްވާނެކަމަށެވެ.