އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، ބީޖީ ސްޕޯޓްސް ކުލަބުން އުއްމީދު އައުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ބީޖީން ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބީޖީން ކާމިޔާބުކުރި ފަސް ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު މެޗު ފަށައިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ސަފީރެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ބީޖީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުޒްދާން ހަސަންއެވެ. އަދި ބީޖީ ތިންވަނަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ޖަހައިދިނީ މުޙައްމަދު ނިޝާނެވެ.
މި މެޗުގައި ބީޖީން ތިންވަނަ ލަނޑެއް ޖެހިތާ ހަތަރު މިނެޓު ފަހުން އެ ޓީމުން ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޒްދާނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މުޒްދާން ވަނީ އިތުރު ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ދަ ގްރާންޑޭއިންނެވެ. ނަތިޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމުގެ އިސްމާޢީލް ނަޒީހް ވަނީ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީފައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބިޖީ ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދާފައެވެ. މި ގުރޫޕުގައި ޓެންޓް ސްޕޯޓްސް ކުލަބުންވެސް ވަނީ ހަ ޕޮއިންޓް ހޯދާފައެވެ. އަދި މެޗެއް ނުކުޅެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތިން ޕޮއިންޓް ހޯދާފައިވާއިރު، ދަ ގްރާންޑޭ އާއި ޓީނޭޖަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.