މާލޭގެ ރެސްޓޯރެންޓެއްގައި ގޭސްފުޅިއެއް ގޮވާ 3 މީހަކަށް އަނިޔާވެއްޖެއެވެ. މިހާދިސާ ހިނގީ ހެންވޭރު ކިނބިގަސް މަގުގައި ހުންނަ އެން.ޖީ.ބީ ކިޔާ ރެސްޓޯރެންޓްގައެވެ.
މިހާދިސާގައި އެރެސްޓޯރަންޓްގައި މަސައްކަތްކުރާ ލަންކާގެ ކައްކާއަކަށާއި އެވަގުތު ރެސްޓޯރެންޓްގެ ބޭރުގައި ތިބި ދިވެހި 2 އަންހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.
ދިވެހި ދެ އަންހެނުންނަށް އަނިޔާވެފައިވަނީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ބުރައިގެން ދިޔަ ބިއްލޫރިތަކުން ޖެހިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މީގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށާއި ފަރުވާއަށްފަހު މިމީހުން ދޫކޮށްލާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތުދީފައިވާ ކަމަށެވެ.
މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޚިދުމަތުން އަންނަނީ ބަލަމުންނެވެ.