ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ވަގުތީގޮތުން ފޮސްޓަރކުރުމުގެ ފުރުސަތު ހުޅުވާލައިފި


  • ވަގުތީގޮތުން އެންމެ ގިނަވެގެން ފޮސްޓަރ ކުރެވޭނީ 2 އަހަރަށް

  • ވަގުތީގޮތުން ކުއްޖާއާ ހަވާލުވިޔަސް، ދާއިމީ ގޮތެއްގައި ހަވާލުވުމުގެ އިޚްތިޔާރު އޮންނާނެ

  • ދައުލަތުގެ ބެލުމުގެ ދަށުގައި 18 އަހަރު ނުފުރޭ 169 ކުދިން އެބަތިބި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ވަގުތީގޮތުން ފޮސްޓަރކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެ ފުރުސަތު ހުޅުވާލައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، އެ ކުއްޖާގެ ޢާއިލާ ނޫން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޯސްޓަރކުރުމުގެ ނިޒާމުގެ ތެރެއިން 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކުވެސް ފޮސްޓަރކުރެވިދާނެ ކަމަށެވެ. އަދި މި ނިޒާމުގެ ތެރެއިން ވަގުތީގޮތުން އެންމެ ގިނަވެގެން ކުއްޖާ ހަވާލުކުރެވޭނީ 2 އަހަރަށްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ ވަގުތީގޮތުން ކުއްޖާއާ ހަވާލުވިނަމަވެސް، ދާއިމީގޮތުން ޤާނޫނީ ބެލެނިވެރިކަމަށް އެދުމުގެ އިޚްތިޔާރު ފޮސްޓަރކުރާ ފަރާތަށް ލިބޭނެ ކަމަށެވެ.

ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ވަގުތީގޮތުން ފޮސްޓަރކުރުމުގެ ފުރުޞަތު ހުޅުވާލި މައިގަނޑު ސަބަބަކީ މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ޢާއިލީ ލޯތްބާއި އަޅާލުން ހޯދައިދިނުމަށެވެ.

ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރުވެސް ދައުލަތުގެ ބެލުމުގެ ދަށުގައި 18 އަހަރު ނުފުރޭ 169 ކުދިން އެބަތިއްބެވެ.

ވަގުތީ ފޮސްޓަރިންނާއި ގުޅޭ މަޢުލޫމާތު ހޯދަން ބޭނުންނަމަ، ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނަންބަރު 1433އަކަށް ގުޅުމަށް، އެ ވުޒާރާއިން އެދެއެވެ.

"ކޮންމެ ކުއްޖަކަށް ޢާއިލާއެއް"ގެ ނަމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް ޢާއިލީ ވެއްޓެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން، ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ޔަޤީން ކުރެވިގެންދާނެއެވެ.