ޚަބަރު

މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް ހާއްސަ އެކައުންޓެއް ހުޅުވަން ޖެހޭނެ: ހަބީބު


  • 19 ޑިސެމްބަރުގެ ފަހުން ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ބަލައިގަންނާނެ

  • އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފޯމު މިއަދު އާންމު ކުރާނެ

  • ކޮންމެ ކެންޑިޑޭޓަކުވެސް އައު އެކައުންޓެއް ހުޅުވުން މަޖުބޫރު

އަންނަ މާޗުމަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އައު ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެލްޝަންސް ކޮމިޝަނުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން އެ ފަރާތްތަކުން ހުށަހަޅަން ޖެހޭ ފޯމު ސެޓް މިއަދު އާންމު ކުރާނެ ކަމަށެވެ. އެ ފޯމު ސެޓް އާންމު ކުރި ނަމަވެސް ފޯމު ހުށަހެޅޭނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީއާ ދިމާކޮށް މިހާރުވެސް ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފުރިހަމަކޮށްފައިވާ ރެކޯޑުތައް މިފަހަރު ބަލައިގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އެކަމަށް ހާއްސަކޮށްގެން އައު އެކައުންޓެއް ހުޅުވަން ޖެހޭނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

"މި އިންތިޚާބަށް ހާއްސަކޮށްގެން ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭ. އައު އެކައުންޓެއް ހަމަ. އެކަމަށް ބޭނުންވާ ލިޔުންތައް ވެސް ކޮމިޝަނުން އާންމު ކުރާނެ. މި އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ ޖެނުއަރީ 30 ވަނަ ދުވަހު ކޮމިޝަނުން ކުރާ އިއުލާނުގައި އޮންނަ މުއްދަތުގެ ތެރޭގައި. ކޮމިޝަނުން މިހެން ހުންނަ ކަންކަން ފަސޭހަ ކުރުމަށް ކަންކަން ރާވަމުންދޭ،" ހަބީބު ވިދާޅުވިއެވެ.

އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުން ކެމްޕޭން ކުރުމަށް އިންތިޚާބަށް ހާއްސަ އެކައުންޓެއް ހުޅުވަން ޖެހޭކަމަށް ޤާނޫނުގައި އޮވެއެވެ. މިގޮތަށް އޮންނަނީ އެ އިންތިޚާބަކަށް ކުރާ ޚަރަދުތައް ދެނެގަތުމަށެވެ. ނަމަވެސް ކުރީގެ އިންތިޚާބުތަކުގައި އެގޮތަށް އަމަލު ނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިދިޔަ ރިޔާސީ އިންތިޚާބުން ފެށިގެން ކޮންމެ އިންތިޚާބަކަށްވެސް ކެންޑިޑޭޓުން ކުރާ ޚަރަދުތަކަށް އައު އެކައުންޓެއް ހުޅުވުމަށް މަޖުބޫރުވާނެކަމަށް ހަބީބު ވިދާޅުވިއެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ 17 މާޗުގައެވެ. ވޯޓުލާ ވަގުތު އަދި އާންމު ނުކުރި ނަމަވެސް އެ ދުވަސް ރަމަޟާން މަހާ ދިމާވާތީ ވޯޓުލުމުގެ ކަންކަން އަވަސްކުރުމަށް ކޮންމެ ވޯޓު ފޮށްޓަކަށް ވޯޓުލާ މީހުންގެ އަދަދު މަދު ކުރުމަށް ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން މި އިންތިޚާބުގައި ގިނަވެގެން ފޮށްޓަކަށް ވޯޓު ލާނީ 600 މީހުންނެވެ.

މާޗު މަހު ބާއްވާ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން އަންނަނީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.