ޚަބަރު

ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނެރުމަށް ޚާއްޞަ އުސޫލެއް


  • ބޭނުމަކީ ރައްޔިތުންނާ ގާތުން ސިއްޙީ ޚިދުމަތްދިނުން

  • އެއް މަޤްޞަދަކީ ޕްރައިމަރީ ހެލްތް ކެއަރ ފުޅާކުރުން

  • ރަނގަޅު އާމްދަނީއެއް ދޭނެ

  • ޚިދުމަތްތެރިންގެ ދަފްތަރެއް އެކުލަވާލާނެ

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުޞޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅުއްވާފައިވާ ޚާއްޞަ އުޞޫލު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ޚާއްޞަ އުޞޫލު އިފުތިތާޙު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސިއްޙީ ވުޒާރާގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކުލަވާލައްވާފައިވާ ޚާއްޞަ އުޞޫލެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ހަފުތާ 14 ގައި ކުރުމަށް އެޖެންޑާ ކުރެވިފައިވާ މުހިންމު މަސައްކަތެކެވެ.

ސިއްޙީ ވުޒާރާއާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުޞޫލުގެ ދަށުން ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، އެފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލައި، އެފަރާތްތައް ވޭޖް އުޞޫލުން ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިގޮތުން އާންމު އުޞޫލުން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިޢުލާނެއް ނެތި، ދަފުތަރުގައި ރެޖިސްޓްރީކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތަޢުލީމާއި، ތަޖުރިބާއާއި ހުނަރަށް ބަލައި، މެރިޓް އުޞޫލުން "ޞިއްޙީ ދާއިރާއަށް ޚާއްޞަ ޑައިރެކްޓް ރެކްރޫޓްމަންޓް" ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު މި އުޞޫލުގެ ތެރެއިން ހަމަޖެހިފައިވެއެވެ.

މި އުސޫލް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޚިދުމަތާ ދުރުވެފައިވާ ގިނަ ޚިދުމަތްތެރިންނަކީ، ޤައުމަށް ނުވަތަ ސިއްޙީ ދާއިރާއަށް ޚިދުމަތް ނުކުރުމުގެ ނިޔަތުގައި ދުރުވެފައިވާ ބައެއް ނޫންކަމަށެވެ. ސިއްޙީ ޚިދުމަތާއި ގިނަމ މީހުން ދުރުވެފައިވަނީ ޢާއިލީ އެކި ސަބަބުތަކާއި އިޖްތިމާޢީ ނުވަތަ އެވަގުތެއްގައި ދިމާވި ސިއްޙީ އެކި ސަބަބުތަކާއި ގުޅިގެންކަމަށެވެ. ނަމަވެސް މިހާރު އޭގެތެރެއިން ވަރަށް ގިނަބަޔަކު ޚިދުމަތަށް ނިކުންނަން ބޭނުންފުޅުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ އެ ކިދުމަތްތެރިންނާއި، އެމީހުންގެ އާއިލާތަކަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެކަމަށް ވަޒީރު ސިފަކުރެއްވިއެވެ.


"ވަރަށް ގިނަ ބޭފުޅުންނާ އަޅުގަނޑުމެންނާ މުޢާމަލާތު ކުރެވިއްޖެ. ވަރަށްގިނަ ބޭފުޅުން ބޭނުންވޭ އަލުން ޚިދުމަތަށް ނިކުމެވަޑައިގަންނަވަން. މިއީ މިބޭފުޅުންނަށް އަދި މިބޭފުޅުންގެ އާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެ. ރައީސް އަބަދުވެސް ދެކެވަޑައިގަންނަވަނީ މިކަހަލަ މަސައްކަތްތަކެއްގެ ތެރެއިން އެއްކަމަކަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުން. ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ހޯދައިދިނުން. ދެވަނަ ކަމަކަށް ނަފްސާނީ ދުޅަހެޔޮކަން މިބޭބޭފުޅުންގެ އިތުރުކޮށްދިނުން." ސިއްޙި ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކުލަވާލި ޚާއްޞަ އުސޫލުގެ އެއް ބޭނުމަކީ އެފަރާތްތަކުގެ އެހީތެރިކަމާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޕްރައިމަރީ ހެލްތް ކެއަރގެ އުޞޫލުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެފަރާތްތަކުގެ އެހީތެރިކަން ހޯދުމެވެ.

މި އުޞޫލުގެ ތެރެއިން ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަލުން ޚިދުމަތަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ޞިއްޙީގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަކަށް ނެގުމުގެ ފުރުޞަތު ދެވޭނެ ގޮތްވެސް މި އުސޫލުގެ ތެރެއިން ހަމަޖެހިފައިވެއެވެ.