ޚަބަރު

"ވިޔަނުދިނުން" އެކެއްގެ "އަނދަވަޅު" ވާހަކަ ނެރެފި


ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ހަރުދަނާކުރައްވައި، ކުރިއަރުވައި ޢާންމު ފަރާތްތަށް ހޭލުންތެރިކުރުވުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ޝާޢިއުކުރައްވާ "ވިޔަނުދިނުން" އެކެއްގެ "އަނދަވަޅު" ވާހަކަ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ނެރެދެއްވައިފިއެވެ.

މިކަމަށްޓަކައި ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، ކުޑަކުދިންގެ ޖިނާޢީ އަދުލުގެ ނިޒާމު ދައުލަތުގެ ފަރާތުން ބެލެހެއްޓެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، މިވަގުތު ރާއްޖޭގައި ކުޑަކުދިން ކުށްކުރުމުގެ މާޙައުލު ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެގޮތަށް ދިމާވާން މެދުވެރިވީ، ދައުލަތާއި ޢާއިލާތަކުންވެސް އުފުލަންޖެހޭ ޒިންމާ އެކަށީގެންވާ ގޮތަށް ނެގިފައި ނުވުމުން ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އެގްޒެކެޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފް ވިދާޅުވީ، ކުޑަކުދިން ކުށްކުރާ މިންވަރު މަދުކުރައްވައި، އެކަމަށް މީހުން ހޭލުންތެރިކުރުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އިތުރުން ކަމާގުޅުން ހުރި މުއްސަސާތަކުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

ވިޔަނުދިނުން ސިލްސިލާގެ ދަށުން ނެރޭ ފޮތްތައް ފިލްމުތަކުގެ ސިފައިގައި ނެރުއްވުމަށް ހޯމް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މިސިލްސިލާގެ ފުރަތަމަ ވާހަކަ ކަމުގައިވާ "އަނދަވަޅު" ލިޔެދެއްވި މަޝްހޫރު ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ ވިދާޅުވީ މިވާހަކައިގެ ސަބަބުން ކުޑަކުދިންނާއި އެކުދިންގެ މައިންބަފައިނަށްވެސް ވަރަށް މުހިންމު މެސެޖްތަކެއް ލިބިގެން  ދާނެކަމަށެވެ.