ޚަބަރު

ނުރައްކަލާ ކެރިގެން ކުރިމަތިލާ ޤާބިލު އަސްކަރިއްޔާއެއް އުފެއްދެވުމަކީ ރައީސްގެ އަމާޒެއް


  • ދިވެހި އަސްކަރީ ޚިދުމަތް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް

  • އެއްގަމާއި ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަޞީލަތްތައް ޤައުމީ ދިފާޢީ ބާރަށް ހޯދަނީ

  • ޒަމާނީ އަސްކަރީ ނިޒަމެއް ޤާއިމުކުރުމަކީ ރައީސްގެ ޢަމާޒެއް

ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާޢީ ދަޢުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަޞީލަތްތައް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށްޓަވާފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިފާޢީ ވުޒާރާއިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދިމާވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ޤާބިލުކަން ހުރި، ޒަމާނީ އަސްކަރިއްޔައަކަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ އެއް މަސައްކަތްޕުޅުކަމަށެވެ.

ސިފައިންގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފަޔާއި، ދިވެހި ދަޢުލަތުގެ ނިޒާމުތަކުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާޢީ ދަޢުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަޞީލަތްތައް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ވުޒާރާއިން މިހާރު ފަށްޓަވާފައިވާކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެ ވުޒާރާއިން ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެ އިސް ދަޢުރެއް އޮތީ ޤައުމީ ދިފާޢީ ބަރަށްކަމަށްވުމާއެކު، ބަދަލުވަމުންދާ ސަލާމަތީ މަޝްރަޙުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ޤާބިލުކަން ހުރި އަސްކަރިއްޔާއަކަށް މަސައްކަތްކުރަމުންދާކަމަށެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، ދިވެހި ދަޢުލަތާއި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ސަރުކާރުން ކުދަމުންދާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.

ޤާނޫނު އަސާސީގެދަށުން ސިފައިންގެ ޚިދުމަތަށް މަތިކުރާ ޒިންމާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތްކުރުން ހިމެނެއެވެ.

އަދި ދިވެހި ދަޢުލަތް ދިފާއުކޮށް ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް، ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ދެމެހެއްޓުމާއި ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ދިފާޢުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން ހިމެނެއެވެ.

ދިވެހި ދަޢުލަތުން ބައިވެރިވެފައިވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ޒިންމާތައް ހިމަނާފައިވާއިރު، ދިވެހި މަސްކަނޑުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިނގާފާނެ ޓްރެފިކިންގްއާއި މެރިޓައިމް ޓެރަރިޒަމްފަދަ "ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް"ތައް ހުއްޓުވުމުގެ ޒިންމާ ހިމެނެއެވެ.

މީގެއިތުރުން ޤުދުރަތީ ކާރިސާތަކާއި ނުރައްކާތެރި ބޮޑެތި ޙާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި ކަނޑާއެކު އެއްގަމުގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމާތްކުރުމުގެ މަސްޢޫލިއްޔަތު މަތިކޮށްފައިވަނި ދިވެހި ސިފައިންނާއެވެ.