ޚަބަރު

އިސްރަށްވެހިންނަށް ޚާއްސަ ކްލިނިކެއް - ގޭގައި ތިބެގެން މެމޯ ހެއްދޭނެ


  • މިޚިދުމަތް ހުރިހާ އަތޮޅެއްގައި ފެށުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި

  • އެމްއެންޔޫގެ ކޯސްތަކުގައި ޚާއްސަ މޮޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ

  • މިޚިދުމަތާގުޅޭ ތަޢުލީމާއި ތަމްރީން ދިނުމަށްދަނީ މަޝްވަރާކުރައްވަމުން

އިސްރަށްވެހިންނަށް ޚާއްސަ ކްލިނިކަކާއި އެފަރާތްތަކުން ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި މިޚިދުމަތް ތަޢާރަފްކޮށްދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ އިސްރަށްވެހީންނަށް ޚާއްސަކޮށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކްލިނިކަކާއި ގޭގައި ތިބެގެން މެމޯ ހެއްދޭނެ މަގުފަހިވެގެން ދިއުމަކީ ޒަމާންތަކެއް ވަންދެން އެފަރާތްތަކުން ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ. ވަޒީރު ޚަލީލް ވިދާޅުވީ މިކްލިނިކުން އުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޞިއްޙީ ޚިދުމަތް ދިނުން ކުރިއަށް ގެންދަވާނެކަމަށެވެ.

އައިޖީއެމްއެޗުގައި ފެށި މިކްލިނިކްގެ ޚިދުމަތް، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވަޢުދުފުޅެއް ކަމަށް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މިޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް ރައީސްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން ޞިއްޙީ ވުޒާރާއިން ކުރިއަށް ގެންދަވާނެކަމަށެވެ. އަދި މިޚިދުމަތް ފުޅާކުރެއްވުމުގެ ގޮތުން އަވަށްޓެރި އެހެން ޤައުމުތަކާއި ވާހަކަދައްކަވަމުން އަންނަކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ބޭފުޅުންނާއި މިދާއިރާއިން ތަޢުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގައި ތަޢުލީމު ފޯރުކޮށްދޭ ފަރާތްތަކާއެކުވެސް މި ޚިދުމަތަކާއި ގުޅޭ ޢިލްމު ފޯރުކޮށްދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވަމުންގެންދަވާ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޓީމުގެ ފަރާތުން މިހާރު ތައްޔާރުވަނީ ރާއްޖޭގެ ޤައުމީ ޔުނިވަރިސޓީ އާއި ވާހަކަދައްކައިގެން އެ ޔުނިވަރސިޓީ ތެރޭގައިވެސް ކިޔަވައިދޭ ކިޔެވުމުގައި އޭގެ ޚާއްސަ މޮޑިއުލްތަކެއް ތައްޔާރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމުން ފަށައިގެން ކުރިއަށްގެންދަވާ. އެހެންވީމާ މިކަން ފުޅާކޮށް ފެށިގެންދާއިރުގައި ރާއްޖޭގައި ޖެރިއެޓިކް ކެއަރ ނުވަތަ ދުވަސްވީ ބޭފުޅުންނަށް ޚިދުމަތްދިނުމުގެ ފަންނު ނުވަތަ ތަޢުލީމު އުނގެނުން އިރާދަކުރެއްވިއްޔާ ތަޢާރަފްކުރެވި ކުރިއަށްދާނެ." ޞިއްޙަތާ ބެހޭ ވަޒީރު ޚަލީލް ވިދާޅުވިއެވެ.

ޖެރިއެޓިކް ކެއަރ ނުވަތަ ދުވަސްވީ މީހުންނަށް ޞިއްޙީ ޚިދުމަތް ފަށަން ބޭނުންވާ ފަރާތްތައް ޞިއްޙީ ދާއިރާގައި ތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރުވަނީ ދުވަސްވީ މީހުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭއިރު، އެފަރާތްތަކަށް އޯގާތެރިކަމާ އަޅާލުން އިހުސާސްވާގޮތަށް ޚިދުމަތް ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އިބްރާހިމް އަބްދުރައްޒާޤު ހަލީމް ވިދާޅުވީ މިހާރު ރާއްޖޭގެ ނިސްބަތުން ޒުވާނުންނަށްވުރެ ދުވަސްވީ މީހުންގެ އަދަދު ގިނަކަމަށާއި، އެހެންކަމުން އެމީހުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް އެފަރާތްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފެއްޓެވި މި މަސައްކަތަކީ މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ.

"އިސްރަށްވެހިންނަށް ނުވަތަ 65 އަހަރުން މަތީގެ ބޭފުޅުންނަށް ގޭގައި ތިބެގެން މެމޯ ހެއްދުމުގެ އިންތިޒާމް އަދި ހަމައެއާއެކުގައި އެބޭފުޅުންނަށް ޚާއްސަ އިންޓަރނަލް މެޑިސިން އޯޕީޑީއެއް ޤާއިމްކުރުމުގެ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިފެށިގެން މިދަނީ." ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާޤު ހަލީމް ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވީ 2 މަސްތެރޭގައި ސަރުކާރުން ޞިއްޙީ ދާއިރާއަށް ނުހަނު ބޮޑު ކުރިއެރުމެއް ގެނެސްދެއްވާފައިވާ ކަމަށާއި ޞިއްޙީ ދާއިރާ ތަރައްޤީކޮށް ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ޢަބްދުރައްޒާޤު ހަލީމް ވިދާޅުވިއެވެ.

އިސްރަށްވެހީންނަށް ޚާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14 މަގުޗާޓުގައިވެސްވަނީ ހިމަނުއްވާފައެވެ.