ގަތަރުގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި ވިއެޓްނާމާ ދެކޮޅަށް ކުޅުނު މެޗު ޖަޕާނުން ކާމިޔާބުކޮށްފިއެވެ.
އަލް ތުމާމާ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ޖަޕާން މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަަމަ ލަނޑު ޖަހައި ކުރިހޯދީ ޖަޕާނުންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޓަކުމީ މިނަމީނޯއެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ވިއެޓްނާމުން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިންހް ބެކް ގުޔެންއެވެ. އަދި މި މެޗުގައި ވިއެޓުނާމުން ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓުއާން ހައި ފޭމްއެވެ.
އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަޕާނުން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މިނަމީނޯ އިތުރު ލަނޑެއް ކާމިޔާބުކުރިއިރު، މި ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖަޕާނަށް ލީޑު ނަގައިދިނީ ކެއިޓޯ ނަކަމޫރާއެވެ.
މި މެޗުގެ ދެވަަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ޖަޕާނުން ލީޑު ފުޅާކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޔާސޭ އުއެޑާއެވެ.
މި މެޗުން ޖަޕާން މޮޅުވިއިރު، މި ގްރޫޕުގައި ދެން ހިމެނެނީ އިންޑޮނޭޝިއާ އާއި އިރާގެވެ.