ކުޅިވަރު

ޔުނައިޓެޑާއި ޓޮޓްނަމުގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެއެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަސްމުސް ހޮއިލުންޑެވެ. އެކަމަކު މެޗުގެ 19 ވަނަ މިނެޓުގައި ރިޗާލިސަން ވަނީ ލަނޑެއް ޖަހައި، ޓޮޓްނަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ހޮއިލުންޑުގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. އެކަމަކު ދެވަނަ ހާފުގެ ކުޅުން ފަށައިގެން ފުރަތަމަ މިނެޓުގައި ޓޮޓްނަމުން ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ. އަލަށް ޓޮޓްނަމަށް މެޗެއް ކުޅެދިން ޓިމޯ ވާނާ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރީގޯ ބެންޓަންކޫރެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް ތާވަލުގެ ހަތްވަނައަށް ޔުނައިޓެޑް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 21 މެޗުން 32 ޕޮއިންޓް ލިބިފައެވެ. އަދި ޓޮޓްނަމް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު 21 މެޗުން ލިބުނު 40 ޕޮއިންޓާއެކުއެވެ.