ކުޅިވަރު

ބާސެލޯނާ ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ރެއާލަށް


ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލް މެޗުގައި ވާދަވެރި ބާސެލޯނާ ބަލިކޮށް, ރެއާލް މެޑްރިޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރޭ ކުޅުނު ފައިނަލް މެޗުން ރެއާލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ ވަނީ ހެޓްރިކް ހަދާފައެވެ. އެގޮތުން މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ވިނީޝިއުސް ރެއާލަށް ލީޑު ނަގައިދިންއިރު، އޭގެ ތިން މިނެޓު ފަހުން ރޮޑްރީގޯގެ އެހީތެރިކަމާއެކު ވިނީޝިއުސް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

އަދި ފުރަތަމަ ހާފުގައި ވިނީޝިއުސް ހެޓްރިކް ހެދީ މެޗުގެ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ. މިއީ ބާސެލޯނާގެ ރޮނާލްޑް އަރައުހޯ ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ. މި ހާފުގައި ބާސެލޯނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ 64 ވަނަ މިނެޓުގައި ރެއާލުން ވަނީ ހަތަރުވަނަ ލަމޑެއް ޖަހާފައެވެ. އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަލުން މި ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރީގޯއެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި ބާސެލޯނާގެ އަަރައުހޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މި މޮޅާއެކު ރެއާލުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ.