ޚަބަރު

މާލޭގައި ފެންހިންދާ ނިޒާމްގެ ކެޕޭސިޓީ 2 ގުނަކުރަނީ


  • މިހާރު 16 ޕަންޕް ސްޓޭޝަނާއި 218 ޕޮއިންޓުން ފެން ކަލެކްޓް ކުރޭ

  • މިހާރު ގަޑިއިރެއްގެ ތެރޭގައި 400 ކިޔުބިން މީޓަރުގެ ފެން ނެގޭ

  • ސިސްޓަމް 2 ގުނަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް މިހާރު އޮތް ސްޓޯރމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް 2 ގުނައަށް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މާލޭގައި ފެން ބޮޑުވާ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. ދާދިފަހުން މާލެއަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެ ގޭގެއަށާއި އޮފީސްތަކަށް ފެން ވަދެ މުދަލައްވެސް ވަނީ ގެއްލުންވެފައެވެ. އަދި ހިނގާބިނގާވެ އުޅުމާއި އާންމު ދަތުރުފަތުރަށްވެސް އޭގެ ސަބަބުން ބުރުއަރައިގެން ދިޔައެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މާލޭގައި ސްޓޯމް ވޯޓަރ ސިސްޓަމް ޤާއިމްވެފައި އޮތީ މާލޭގެ އުތުރު ފަރާތާއި ދެކުނު ފަރާތުގައިކަމަށެވެ. ދެކުނު ފަރާތުގައި މިސިސްޓަމް ޤާއިމްވެފައި އޮތީ އަމީނީ މަގާއި ބުރުޒުމަގުގައެވެ. އަދި އުތުރު ފަރާތުގައި އޮތީ ކަނބާ އައިސާރަނި ހިނގުމާއި، ޝަހީދު އަލީ ހިނގުމުގައެވެ.

މި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 16 ޕަންޕް ސްޓޭޝަނާއި 218 ޕޮއިންޓުން ފެން ކަލެކްޓް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. ކެޕޭސިޓީއަށް ބަލާނަމަ ގަޑިއެއްގެ ތެރޭގައި 400 ކިޔުބިކު މީޓަރުގެ ފެން ކޮންމެ ޕަންޕް ސްޓޭޝަނަކުން ނެގޭނެކަމަށް މަތީން ވިދާޅުވިއެވެ.

މިހާރު މިއޮތް ސްޓޯމް ވޯޓަރ ސިސްޓަމުން 1 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 5000 ކިޔުބިކް މީޓަރުގެ ފެން މަގުން ނަގާފައި އުކާލެވޭނެކަމަށާއި، މިއީ ފުދޭވަރެއްގެ ބޮޑު ސިސްޓަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ސިސްޓަމް ޑިޒައިން ކޮށްފައި އޮތީ ވާރޭވެހި ފެންގަނޑު ސެޓަލްވުމުން އެފެންގަނޑު ހުސްކޮށްލާގޮތައްކަމަށް މަތީން ވިދާޅުވިއެވެ. އެހެންކަމުން މިހާރު ސްޓޯމް ވޯޓަރ ސިސްޓަމް ޤާއިމްކުރެވިފައި ވަނީ 2 ގަޑިއިރެއްހާއިރުގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިއްކާލެވޭވަރަށްކަމަށް އޭނާ ވިދާޅުވިއެވެ.

ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާކަމަށް މަތީން ވިދާޅުވިއެވެ. މިކަމުގައި އެމްޑަބްލިއުއެސްސީން މައިގަނޑު ގޮތެއްގައި ކުރަނީ މިހާރު އޮތް ސިސްޓަމް ޑިޒައިންކޮށް، މެއިންޓަނެންސާއި އޮޕަރޭޝަންސްގެ މަސައްކަތެވެ.

"ފެންބޮޑުވެ ރައްޔިތުންގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވާކަން ފާހަގަކުރެވޭތީވެ ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މަޝްވަރާކުރެވިފައި އެވަނީ ޕަންޕް ސްޓޭޝަންގެ މިހާރު ހުރި ކެޕޭސިޓީ ގާތްގަނޑަކަށް 4 ގުނައަށް އިތުރުކުރަން. އޭގެ މާނައަކީ މިހާރު ޕަންޕް ސްޓޭޝަނެއްގައި ގާތްގަނޑަކަށް 400 ކިޔުބިކް މީޓަރުގެ ފެން ގަޑިއެއްގެ ތެރޭގައި އުކާލެވޭކަމަށްވަންޏާ ޕަންޕްތަކުގެ ކެޕޭސިޓީ 2 ގުނަ އެކުރެވެނީ. 2 ގުނަ ކޮށްފައި ކޮންމެ ތަނަކަށް 2 ޕަންޕް އެލަނީ. އެހެންވީމަ އެއިން ކޮންމެ ޕަންޕް ސްޓޭޝަނެއްގެ ކެޕޭސިޓީ އިތުރުވެގެންދާނެ 4 ގުނައަށް. އެގޮތަށް ކެޕޭސިޓީ އިތުރުކުރެވެނީ އަމީނީމަގުގެ 4 ސްޓޭޝަންގައި." މަތީން ވިދާޅުވިއެވެ.

އަމީނީ މަގުގެ މަސައްކަތް ނިމޭއިރު އަމީނީ މަގުގައި މިހާރު ދިމާވާ ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މަތީން ވިދާޅުވިއެވެ. އަމީނީ މަގުގައި ސްޓޯމް ވޯޓަރ ސިސްޓަމާއި ގުޅިފައި ހުރި ބައެއް ހޮޅިތައް ފަލަކުރުމުގެ މަސައްކަވެސް ކުރަމުންދާކަމަށް މަތީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެޤައުމުން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމާފައިވާކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ. އަދި މިއެހީގެ ތެރެއިން އެންމެ ބޮޑުބައެއް ހޭދަކުރުމަށް ނިންމާފައިވަނީ މާލޭގެ މަގުތައް ތަރައްޤީކުރުމަށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.