ޚަބަރު

ޞިއްޙަތާބެހޭ ވަޒީރަށް ލަފާދެއްވުމަށް 3 ކޮމިޓީއެއް އުފައްދަވަން ނިންމަވައިފި


  • ނޭޝަނަލް ސްޕޯޓްސް ވެޓަރަންސްގެ ދަފްތަރެއް އެކުލަވާލުމަށް ނިންމެވި

  • 500 ޒުވާނުން ތަމްރީނު ކުރުމަށް ޕްރޮގްރާމެއް ފެށުމަށް ނިންމެވި

ޞިއްޙަތާބެހޭ ވަޒީރަށް ލަފާދެއްވުމަށް 3 ކޮމިޓީއެއް އުފައްދަވަން ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތަކާބެހޭ މަޢުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ނާޡިމް ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި އެދާއިރާ ކުރިއެރުވުމަށް ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ދާއިރާގެ ތަޖްރިބާހުރި ފަރާތްތަކުގެ ލަފައާއި އިރުޝާދު ޞިއްޙަތާ ބެހޭ ވަޒީރު ހޯއްދެއްވުމަށް 3 ކޮމިޓީއެއް އެކުލަވާލައްވަން ނިންމަވާފައިވާ ކަމަށެވެ. އެތިން ކޮމިޓީއަކީ ހެލްތު އެޑްވައިޒަރީ ކޮމިޓީ، ޕަބްލިކް ހެލްތު އެޑްވައިޒަރީ ކޮމިޓީއާއި، ކިއުރޭޓިވް ހެލްތު އެޑްވައިޒަރީ ކޮމިޓީއެވެ.

މީގެ އިތުރުން ނޭޝަނަލް ސްޕޯޓްސް ވެޓަރަންސްގެ ދަފްތަރެއް އެކުލަވާލުމަށްވެސް ވަޒީރުންގެ މަޖިލީހުންވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމަވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ނާޡިމް ވިދާޅުވިއެވެ.

މިދަފްތަރަކީ ކުޅިވަރުގައި ހަރަކާތްތެރިވެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކުރުމާއި، އެފަރާތްތައް މުޖްތަމަޢުގައި ބާކީވެގެންދިޔަ ނުދިނުމާއި، އަގު ވަޒަންކުރުމާއި އަދި އެފަރާތްތަކުގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތުލިބޭނެ މަގު ފަހި ކުރުމަށް ކުޅިވަރުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުގެ ރެކޯޑް ބެލެހެއްޓުން ކަމަށް ނާޡިމް ވިދާޅުވިއެވެ.

"މިއެކުލަވާލެވޭ ދަފްތަރުގެ ޒަރީޔާއިން ދިވެހިރާއްޖޭގައި ކުޅިވަރު ކުޅުމާއި، ހިންގުމުގައި ހަރަކާތްތެރިވެފައިވާ ފަރާތްތައް ދެނެގަނެ އެފަރަތްތަކުގެ މަޢުލޫމާތާއި، ޚިދުމަތްތައް ރެކޯޑްކުރުމާއި، މިހާރުގެ ކުޅިވަރު ޖީލުތަކަށް އެފަރާތްތައް ތަޢާރަފްކޮށްދީ އެފަދަ ފަރާތްތަކުގެ އެހީގައި ކުޅިވަރު ތަރައްޤީކޮށް ހިންގުމުގައި އެފަރާތްތަކުގެ ބައިވެރިވުން އޮންނާނޭ ނިޒާމެއް ޤާއިމްކޮށް އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް ނޭޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑަރ ޕްރޮގްރާމެއް ފެށުން". ނާޡިމް ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހި ޒުވާނުންނާއި އަންހެނުންގެ ދައުރު ޓެކްނޮލޮޖީގައި މިހާރަށް ވުރެ އިތުރުކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ހެކަތޯން ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ފެއްޓެވުމަށްވެސް ނިންމަވާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ. މީގެއިތުރުން ކޯޑިން އާއި ފަންނިއްޔާތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދާން ބޭނުންވާ ތަރައްގީ ހޯދާ އެފުރުސަތުތައް ފަހިކޮށްދިނުމަށް 500 ޒުވާނުން ތަމްރީނު ކުރުމަށް ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިފަރާތްތައް ތަމްރީންކުރަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަޑްތަކަށް ފެތޭގޮތަށް ކަމަށްވެސް ނާޡިމް ވިދާޅުވިއެވެ.