ޚަބަރު

ސަރުކާރު ހިއްސާވާ ކުންފުނިތައް، ފައިދާވާ ކުންފުނިތަކަށް ހެދުމަށް ގިނަ ފިޔަވަޅުތަކެއް


  • ކުންފުނިތައް ފައިދާވާ ކުންފުނިތަކަށް ހެދުމަށް ސިޔާސަތުތަކެއް ކަނޑައަޅަން ނިންމި

  • ސަބްސިޑީ އަދި ކެޕިޓަލް ދޭނެ އުސޫލު ހަރުދަނާ ކުރުމުގެ ސިޔާސަތު ކަނޑައަޅަން ނިންމި

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ސަރުކާރުން އެ ކުންފުނިތައް ހިންގުމަށް ޚަރަދު ކުރުން ހުއްޓާލައި، ފައިދާވާ ކުންފުނިތަކަށް ހެދުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމަވާފައިވަނީ މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މާލީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޡިމް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން ޚަރަދުކުރަން ނުޖެހި ފައިދަވާ ކުންފުނިތަކަށް ހެދުމަށް ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު މުރާޖަޢާކޮށް ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅުކުރުމަށް ޝައުގުވެރިކަން އިތުރުކުރެވޭނެހެން ވަކިވަކި ކުންފުނިތަކަށް ޚާއްސަ ކީ ޕާފޯމަންސް އިންޑިކޭޓާސް ކަނޑައަޅައި، 3 މަސް ދުވަހުގެ ތެރޭގައި އެކަން ތަންފީޒު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.

ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ނޭޝަނަލައިޒްކޮށް ބާއްވާ ކުންފުނިތަކާއި، ޕަބްލިކް އަދި ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ހިންގާނެ ކުންފުނިތަކާއި، ހިއްސާ ވިއްކައިގެން އައިޕީއޯގެ ދަށުން ހިންގާނެ ކުންފުނިތައް ދެނެގަނެ ސިޔާސަތުތައް އެކުލަވާލުމަށް 3 މަސް ދުވަސް ކަނޑައަޅުއްވާފައިވާކަމަށް ވެސް ނާޡިމް ވިދާޅުވިއެވެ. އަދި ކުންފުނިތަކުގެ ބޯޑުގެ ސަބް ކޮމިޓީ އާއި އޮޑިޓް ކޮމިޓީ އާއި ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީތައް އެކުލަވާލާ ހިންގުން ހަރުދަނާކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް 3 މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމަވާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.

ނާޡިމް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކަށް ސަބްސިޑީ ދޭން ޖެހޭ ހާލަތްތަކާއި ސަބްސިޑީ އަދި ކެޕިޓަލް ދޭނެ އުސޫލު ހަރުދަނާ ކުރުމުގެ އުސޫލުތަކެއް ވެސް ތިން މަސް ދުވަހުގެ ތެރޭގައި ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ކަމަށެވެ. އަދި އެކަށީގެންވާ ގޮތެއްގައި ޕަފޯމް ނުކުރެވޭ ކުންފުނިތަކާމެދު އަމަލު ކުރަންވީ ގޮތާބެހޭގޮތުން ވެސް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

"އެކަށީގެންވާ ގޮތެއްގައި ޕާފޯމް ނުކުރާ ކުންފުނިތަކުގެ ހިންގުން މިއަހަރު ތެރޭގައި ހަރުދަނާކޮށް، ކޭޝްފްލޯ ހަމަޖެއްސޭނެ ގޮތްތައް ހޯދައިދީ، ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅު ކުރުމަށް އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ ހަމައަށް މުއްދަތެއް ދީ، މި މުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާފޯމް ނުކުރާ ކުންފުނިތައް ރީސްޓްރަކްޗަރ ކުރަން ޖެހޭ ހާލަތްތަކުގައި ރީ ސްޓަރްކްޗާ ކުރުމާއި މާޖް ކުރުން ނުވަތަ އުވާލުމުގެ މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ފެށުން،" ނާޡިމް ވިދާޅުވިއެވެ.

ނާޡިމް ވިދާޅުވި ގޮތުގައި އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލެއް ވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލާ ތަންފީޒު ކުރެވޭނެއެވެ.

މީގެ އިތުރުން ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެމްޓީސީސީގެ އިތުރުން އިތުރު ކުންފުންޏެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށް ވެސް ނާޡިމް ވިދާޅުވިއެވެ. އެ ކުންފުނި އުފައްދަނީ އެމްޓީސީސީގައި މަސައްކަތްތައް ފުނި ޖެހިފައި ހުރުމުގެ ސަބަބުން މަސައްކަތް ލުއިކުރުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ފިޔަވަޅުއެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14ގައިވެސް ހިމަނުއްވާފައިވާ ކަމެކެވެ.