ޚަބަރު

އާޒިމް އާއި އެމްޑީޕީން މާލެ ރައްޔިތުން މާޔޫސް ނުކުރާނެ: ރައީސް ޞާލިހު


  • އާޒިމްގެ މޭޔަރު ކަމުގައި މާލޭގެ ރައްޔިތުން އެދޭ ގޮތަށް މާލެ ބަދަލުވެގެންދާނެ

  • ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ކުރިއަށްދިއުމަށް އިލްތިމާސްކުރެއްވި

  • އެމްޑީޕީން މަސައްކަތް ކުރަނީ މުޅި ޤައުމަށް ކަންކަން ކޮށްދޭން

މާލެ ސިޓީ މޭޔަރުގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އާދަމް އާޒިމް އާއި އެމްޑީޕީން މާލޭގެ ރައްޔިތުން މާޔޫސް ނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޭޔަރުގެ އިންތިޚާބު އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން ރޭ އެމްޑީޕީން ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ އާޒިމް މޭޔަރު ކަމަށް ވަޑައިގަންނަވަނީ ތަސައްވުރަކާއެކުގައި ކަމަށާއި ސަރުކާރެއްގެ ތެރެއިން އިތުރު ސަރުކާރެއް އުފެއްދެވުމަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި އާޒިމްގެ މޭޔަރު ކަމުގައި މާލޭގެ ރައްޔިތުން އެދޭ ގޮތަށް މާލެ ބަދަލުވެގެންދާނެ ކަމަށާއި ފުނިޖެހިފައި އޮތް މާލެއަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި އާޒިމްއަށް ފުރިހަމަ އެއްބާރުލުން އެމްޑީޕީގެ ފަރާތުން ލިބޭނެކަމުގެ ޔަގީންކަން ވެސް ރައީސް ޞާލިހު ދެއްވިއެވެ.

"އާޒިމަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އާޒިމްގެ ޕޮލިޓިކަލް ކެރިއާގެ ބިންގާ ތި އެޅުނީއޭ. ތެދުވެރިކަމާއި ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުން ހަވާލު ކުރި މަސައްކަތް ކުރިއަށްގެންދަވާ. ކާމިޔާބު އޮތީ ކުރިއަށް،" ރައީސް ޞާލިހު ވިދާޅުވިއެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން މާލެ މޭޔަރުގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އާދަމް އާޒިމް ވިދާޅުވީ އެމްޑީޕީއަށް ކާމިޔާބީއެއް ލިބުމުން މަޑު ޖެހޭކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް ކާމިޔާބީއެއް ލިބުމުން އެއަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކާމިޔާބީއަކީ ކަމެއްގެ ނިމުންކަމުގައި ނުދެކި އެއީ ކަމެއްގެ ފެށުން ކަމުގައި ދެކެން އެދިވަޑައިގެންނެވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ މުޅި ޤައުމަށް ކަންކަން ކޮށްދޭން ކަމަށާއި އެ ޕާޓީގެ ވިސްނުމަކީ އިއްޒަތްތެރި އަދި ގަދަރުވެރި ރައްޔިތެއް ބިނާކުރުން ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ އެއްވެސް ކަމެއް، އެއްވެސް ޙައްގެއް، ގެއްލިގެން ދަންޏާ އެ ޙައްގެއް ހޯދައިދޭން މަސައްކަތް ކުރަން. އަދި މާލެއަށް ދިމާވެފައިހުރި މި ދަތިތައް، ވިލިމާލެއަށް ދިމާވެފައި ހުރި ދަތިތައް ހުޅުމާލެ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ހައްލު ކުރުމަށް އެމްޑީޕީގެ މިއޮތް ވަރުގަދަ ލަޝްކަރު ފަހަތަށް ނުޖެހޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" އާޒިމް ވިދާޅުވިއެވެ.

އިއްޔެގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އާދަމް އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވީ 7،621 ވޯޓުންނެވެ. އެ އިންތިޚާބުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު ވޯޓު ލާފައިވަނީ 17،410 މީހުންނެވެ. މިއީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 31.84 އިންސައްތައެވެ.